ރެއާލް މެޑްރިޑް

ރެއާލްއިން ފަސްވަނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބު ކޮށްފި

ޔޫރަޕްގެ ކްލަބު މުބާރާތްތައް ފެށުމުގެ ގޮތުން ރޭ ކުޅުނު ޔޫއެފާ ސުޕަ ކަޕް މެޗުގައި ރެއާލް މެޑްރިޑުން އެއިންޓްރެޗް ފްރެންކްފާޓް ބަލިކޮށްފިއެވެ.

ފިންލޭންޑްގެ ވެރިރަށް ހެލްސިންކީގައި ކުޅުނު ސުޕަ ކަޕް ރެއާލްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ސުޕަ ކަޕުގައި ވާދަކުރަނީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމާއި ނިމިދިޔަ އަހަރު ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންނެވެ. ރެއާލްއިން މިދިޔަ އަހަރު ކްލަބުގެ ރެކޯޑު 14 ވަނަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، މިފަހަރުގެ ސުޕަ ކަޕަކީ ފްރެންކްފާޓްގެ ފުރަތަމަ ސުޕަ ކަޕެވެ.

ރެއާލް އާއި ފްރެންކްފާޓް ރޭގެ މެޗުގެ ކުރިން އެންމެފަހުން ކުޅެފައި ވަނީ 1960 ވަނަ އަހަރު ޔޫރަޕިއަން ކަޕް ފައިނަލްގައެވެ. އެ ފައިނަލް ރެއާލްއިން ކާމިޔާބުކުރީ 7-3 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު ސުޕަ ކަޕް މެޗުގައި އެންމެ ފުރަތަމަ ފުރުސަތު ފަހިވީ ފްރޭންކްފާޓަށެވެ. އެޓީމުގެ ޖަޕާނު ފޯވަޑް ޑައީޗީ ކަމާޑާއަށް ލިބުނު ފުރުސަތުގައި އޭނާއަށް ގޯލު ނުޖެހުނީ ރެއާލް ގޯލްކީޕަރު ތީބޯ ކޯޝުއާގެ ހުށިޔާރު ކަމުންނެވެ. އޭގެ ފަހުން ދެން މެޗުގައި ފެނުނީ ރެއާލްގެ ޑޮމިނެންސް އެވެ. ވިނީޝިއަސް ޖޫނިއާވެސް ކުރީކޮޅުގައި ފެނުނު އިރު، ރެއާލް އެޓޭކުގައި އޭނާއާއެކު ކަރިމް ބެންޒެމާ ފެނުނީ ވަރަށް ނުރައްކާތެރި ކޮށެވެ.

މެޗުގައި ރެއާލްއިން ޖެހި ފުރަތަމަ ގޯލަކީ 37 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ޑޭވިޑް އަލާބާ ޖެހި ގޯލެކެވެ. ފުރަތަމަ ހާފުގައި ލީޑު ނެގި ރެއާލް ދެވަނަ ހާފުގައިވެސް ފެނުނީ ނުރައްކާތެރ ކޮށެވެ. ބެންޒެމާގެ ނުރައްކާ ފުލުފުލުގައި ފެނުނު އިރު، އޭނާ ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 65 ވަނަ މިނެޓުގައެވެ.

އެ ގޯލާއެކު ބެންޒެމާ ވަނީ ރެއާލްއަށް 324 ގޯލު ހަމަކޮށްފައެވެ. އެ އަދަދަށް ގޯލު ޖަހައި ބެންޒެމާ ވަނީ ކްލަބަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގައި ރައުލް ގޮންޒާލެސް ފަހަތަށް ޖައްސާލައިފައެވެ. ބެންޒެމާއަށްވުރެ ގިނައިން ރެއާލްއަށް މިހާތަނަށް ގޯލު ޖަހައިދީފައިވާ ހަމައެކަނި ކުޅުންތެރިޔަކީ އެ ކްލަބަށް 450 ގޯލު ޖަހައިދީފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޭގެ މެޗުގައި ރެއާލްއަށް އަލަށް ގުޅުނު ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއާއި އޮރެލިއަން ޗުއެމެނީ އަށްވެސް ފުރުސަތު ދީފައިވެއެވެ.