ޚަބަރު

އުރީދޫ ރީބްރޭންޑުކޮށް އާ ލޯގޯ އާއި ޓެގްލައިން ރާއްޖެއަށް ތައާރަފުކޮށްފި

މުހައްމަދު އިޝާން

2

މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އޭޝިއާގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ ގްރޫޕް ރީބްރޭންޑްކޮށްފިއެވެ.

މިއަދު ވަނީ އުރީދޫގެ އާ ލޯގޯ އާއި ޓެގްލައިންވެސް ރާއްޖެއަށް އިފްތިތާހްކޮށްފައެވެ. އަޕްގްރޭޑް ކޮށްފައިވާ އުރީދޫގެ ލޯގޯ ރާއްޖޭގައި ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް ހަސަން އަލް ހަމީދީއެވެ. ލޯގޯ އިފްތިތާހްކޮށްފައިވަނީ މާލޭ ފަތާ ޓްރެކް ސަރަހައްދުގައި ބޭއްވި މޫދުގެ ހަރަކާތްތަކެއްގައެވެ.

އުރީދޫން ބުނީ އެކުންފުނީގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" ދައްކައިދޭން ބޭނުންވާ ތަސައްވަރަކީ ކޮންމެ މީހަކަށް، ވިޔަފާރިއަކަށް އަދި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކޮންމެ ހިދުމަތަކާއި ތައާރަފު ކުރާ އާ އިޖާދުތަކުގެ އިތުރުން ކަސްޓަމަރުންނާއި މުވައްޒަފުން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މަގުސަދު އެންމެ ފުރިހަމައަށް ދައްކުވައިދިނުން ކަމަށެވެ.

އޭޝިއާގައި އުރީދޫން އޮޕަރޭޓް ކުރާ ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް އަކީ، އުރީދޫގެ ބްރޭންޑަށް ގެނައި މި ބަދަލު އެންމެ ފުރަތަމަ އިފްތިތާހު ކުރި ކުންފުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދް ވިދާޅުވީ، އުރީދޫގެ އާ ލޯގާ އާއި ޓެގްލައިން ވަނީ ދިވެހި މުޖުތަމައު ކުރިއެރުވުމަށް ކުރާ މަސައްކަތާ ވަރަށް ބޮޑަށް ގުޅިފައި ކަމަށެވެ. އުރީދޫއަކީ މިހާރު ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މުޅި ރާއްޖެ ހިމެނޭ ގޮތައް ބިނާކޮށްފައިވާ 4ޖީ ޕްލަސް ނެޓްވޯކް އަދި އުރީދޫގެ ވަރުގަދަ 5ޖީ ނެޓްވޯކްގެ އެހީގައި ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް، ސްމާޓް ސިޓީސް، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސްއަށް ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މުޖުތަމައު މަގުފަހިކޮށްދިނުމުގައި އަޅުގަނޑުމެން ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި ހުރިހާ ގޮތަކުންވެސް ތިޔަބޭފުޅުންގެ ދުނިޔެ އާރާސްތުކޮށް، ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް އަޅުގަނޑުމެން މަގުފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމި އޮންނާނެ،" ހާލިދު ވިދާޅުވިއެވެ.

އުރީދޫން ރާއްޖޭގައި ހިދުމަތް ދޭން ފެށީ 2005ގަ އެވެ. މިހާތަނަށް އެކުންފުނިން ވަނީ 5ޖީ ނެޓްވޯކް ރާއްޖެއަށް ތައާރަފްކޮށް 5ޖީ އެއާފައިބާ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް އިތުރު ފުރުސަތުތައް ފަހިކޮށްދީފައެވެ.

އުރީދޫގެ ކުރިއަރާފައިވާ ނެޓްވޯކާއި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކުގެ އެހީގައި ސްމާޓް ސިޓީ، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތަކުގެ ބޭނުން ކަސްޓަމަރުންނަށް ފަހިކޮށްދީފައިވެއެވެ.

އުރީދޫގެ އެޕް މެދުވެރިކޮށް އެ ކުންފުނީގެ ގިނަ ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭ ގޮތަށް، ފުރިހަމަ ޑިޖިޓަލް މޮބައިލް އެކްސްޕީރިއަންސެއް އަންނަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސް މޮބައިލް މަނީގެ ހިދުމަތް، އެމް-ފައިސާތައާރަފްކޮށް، ފައިސާ ދެއްކުމުގައި، ވަކިން ހާއްސަކޮށް ބޭންކިންގެ ހިދުމަތް ހޯދުމުގައި ދަތިތައް ދިމާވާ މުޖުތަމައުތަކަށް ފަސޭހައިން ފައިސާ ދެއްކޭނެ ރައްކާތެރި އަދި ފަސޭހަ ގޮތެއް ހޯދައިދީފައެވެ. އަދި އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ކަސްޓަމަރުންނާ ކައިރި އަދި ދުރުގައިވާ ވިޔަފާރިތަކާ ވަނީ ގުޅުވާލަދީފައެވެ.