މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25 ރުފިޔާ ވަގަށް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މީރާގެ އޮފީސް ދޮރު ހަލާކުކޮށްލައިގެން ވަދެ 25 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް މި މަހުގެ ނުވަ ވަނަ ދުވަހު ހެނދުނު 8:20ގައި ހުށަހަޅާފައިވާ ކަމަށެވެ.
މީރާގެ މީޑިއާ އޮފިސަރު އަހުމަދު ޝަރީފް "ވަން" އަށް މިއަދު ވިދާޅުވީ އޮފީހަށް ވަގަކު ވަދެފައިވަނީ އިއްޔެރޭގެ ވަގުތެއްގައި އެތަނުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ. އަދި އޭނާ ވަގަށް ނަގާފައިވަނީ އެތަނުގެ މުވައްޒަފަކު އޭނާގެ މޭޒު ކަބަޑުގައި ބާއްވާފައި އޮތް 25 ރުފިޔާ ކަމަށެވެ.
"މީރާގަ އަޅުގަނޑުމެން ފައިސާއެއް ނުބަހައްޓަން. މުވައްޒަފެއްގެ 25 ރުފިޔާ ނޫން އިތުރު އެއްވެސް އެއްޗެއް ނުގެއްލޭ." އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މީރާގެ އޮފީހަށް ވަނީ އެންމެ މީހެއް ކަމަށާއި އެމީހާގެ ހަރަކާތްތައް ކެމެެރާއަށް އަރާފައިވާ ކަމަށެވެ. އަދި އޭނާ ހުރީ މާސްކެއް އަޅާފައި ކަމަށްވެސް ވިދާޅުވިއެވެ.
މީރާއަކީ 24 ގަޑިއިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓާ ތަނެކެވެ.
ޝަރީފް ވިދާޅުވީ ހަލާކު ކޮށްލާފައިވަނީ ފުރަގަހަށްވާ ގޮތަށް ހުންނަ ކުޑަދޮރެއް ކަމަށްވުމުން ފުލުހުންނަށް ނުފެނުނީ ކަމަށްވެދާނެ ކަމަށެވެ. ނަމަވެސް އެކަން ފުލުހުން ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ފުލުހުން ސެކިއުރިޓި ބަލަހައްޓަނީ ކުރިމަތީގައި ކަމަށާއި ހަލާކުކޮށްފައިވާ ދޮރު ހުރީ ފަހަތުގައި ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު