އެމްޑީޕީގެ ނާއިބު ރައީސްގެ މަގާމަކީ އެ ޕާޓީގެ ރައީސް އައްޔަންކުރާ މަގާމެއްގެ ގޮތުގައި ހެދުމަށްޓަކައި، އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެންނަން، މިމަހު 19 ގައި ފަށާ ކޮންގްރެސްއަށް ހުށަހަޅަން ހަމަޖެހިފައިވާކަމަށް ބުނެފިއެވެ.

ޕާޓީގެ ކޮންގްރެސްގެ ކަންތައްތަކާބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެމްޑީޕީގެ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށާއި، ގާނޫނުއަސާސީއަށް ގެނައުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހު ތަކާމެދު ކޮންގްރެސްގައި މަޝްވަރާ ކުރާނެ ކަމަށެވެ. އޭގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދަށް މުހިއްމު އިސްލާހުތަކެއް ގެންނަން ހުށަހަޅާފައިވާކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ތެެރެއިން ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ މުހިއްމު އިސްލާހު ތަކުގެ ތެރޭގައި، ޕާޓީގެ ނާއިބު ރައީސަކީ ގައުމީ މަޖިލީހުގެ ރުހުމާއެކު ޕާޓީގެ ރައީސް އައްޔަންކުރަންޖެހޭ މަގާމަކަށް ހެދުމަށާއި، ޕާޓީގެ ދެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަކީ ޕާޓީގެ ގައުމީ ޗެއާޕާސަން އައްޔަންކުރަން ޖެހޭ ދެ މަގާމަށް ހެދުމަށް ހުށަހަޅާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ރައީސް ކަމުގެ މަގާމާއި، ނާއިބު ރައީސް ކަމުގެ މަގާމުގެ އިތުރުން ޗެއާޕާސަން އިންތިހާބު ކުރަނީ އެމްޑީޕީ މެންބަރުންގެ މެދުގައި ނަގާ އާއްމު ވޯޓަކުންނެެވެ. ޗެއާޕާސަން ނައިބުކަމަށް ދެ ބޭފުޅުން އިންތިހާބު ކުރަންޖެހޭނީ ކޮންގްރެސްއިންނެވެ.

އެމްޑީޕީގެ ކޮންގްރެސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 19 އިން 21 އަށް ސޯޝަލް ސެންޓަރުގައެވެ.

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާކަމަށް ބަދަލު ކުރަން ހިމަނައިގެން ގާނޫނުއަސާސީއަށް ގެންނަން ބޭނުންފުޅުވާ އިސްލާހުތަކެއް ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ އިއުލާން ކުރައްވައިފައެވެ.

  • ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން
  • ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުން
  • ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އެއްބަސްވުން
  • ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުން
  • މިނިވަން މުއައްސަސާތަކުގެ އަދަދާއި އެ މުއައްސަސާތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން

ވަހީދު ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެންނަން ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދަށް ގެނައުމަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ އިސްލާހުތައް ކޮންގްރެސް އަށް ހުށަހަޅާނީ ގައުމީ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ.