ގައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅަމުންގެންދާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ބުނެފިއެވެ.
އައިއޭއެސް އިން މިހެން ބުނީ މޯލްޑިވިއަންގެ ޕައިލެޓަކު ފްލައިޓުގެ ކޮކްޕިޓް ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެންނެވެ.
އައިއޭއެސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ ބޯޓުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ފަޅުވެރީންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް އެންމެ ބޮޑަށް އިސްކަންދޭ ކަންތައް ކަމަށެވެ. ޕަސިންޖަރުންނާއި ފަޅުވެރީންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ކަމެއް ފާހަގަކުރެވިއްޖެ ހާލަތެއްގައި އެކަމެއް ތަހުގީގުކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާ ކަމަށްވެސް ބުންޏެވެ.
"ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފަދަ ކަމެއް ފާހަގަކުރެވިއްޖެ ހާލަތެއްގައި އެކަމެއް ތަހުގީގު ކުރެވި، ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަމެވެ" އައިއޭއެސްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކުންފުންޏަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާ އެއްގޮތަށް ހިންގަމުންދާ ކުންފުންޏެއް ކަމަށާއި އެފަދަ ކަންތައްތަކަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީންވެސް ގާތުން ބަލަމުން އަންނަ ކަންކަން ކަމަށް އެ ކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު