މިދިޔ ކުޑައީދު ދުވަހުގެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އެ ހަ މީހުން ހައްޔަރުކުރީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުގެ ހެނދުނު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލި މައްސަލައިގައެވެ.

މިއަދު ކުރިއަށްދިޔަ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އެ ހަ މީހުންގެ ތެރެއިން ލޫތު އަހުމަދު އާސިފް، މައުސޫމު މުޙައްމަދު ދީދީ އަދި އަހުމަދު ސާތިއުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މީހަކަށް ނުރައްކާތެރި ހަނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ދިހަ އަހަރާއި 15 އަހަރުގެޖަލު ހުކުމެއް އަންނާނެއެވެ.

ހަސަން ޒިޔާން އިބްރާހިމްއާއި އަހުމަދު ސިމްހާޒްގެ އިތުރުން، އަހުމަދު ނާޒިހުގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މަރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ ހަތް އަހަރާއި ދިހަ އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

ދައުވާ އުފުލައިފައިވާ އެންމެންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ހަބީބެވެ.