ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެޕާޓީން ބުނެފިއެވެ.
މިމަހު 19 ގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮންނަގޮތުން ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް ނުދެވޭނެ ކަމަށެވެ.
ވަހީދު ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް ދިނުމުގެ ބާރު އެމްޑީޕީގެ ގައުމީ މަޖިލީހަށް ވެސް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ، އަސާސީ ގަވާއިދު ބުނާގޮތުން ރިޔާސީ ޕްރައިމަރީގެ ކަންތައް ކުރިއަށްގެންދާނީ ގައުމީ މަޖިލީހުން ނަގާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. އަދި ޗެއާޕާސަންގެ އިންތިހާބު ނޫން ހުރިހާ އިންތިހާބެއް ބާއްވާނެ ތާރީހު ކަނޑައެޅުމުގެ ބާރު އަސާސީ ގަވާއިދުން ލިބިފައިވަނީ ޕާޓީގެ ޗެއާޕާސަން އަށް ކަމަށާއި، އެހެންކަމުން ޕްރައިމަރީ ބާއްވާނެ ދުވަހެއް ކަނޑައަޅާނީ ޗެއާޕާސަން އަދި އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަހީުދ ވިދާޅުވީ، މާލަސްތަކެއް ނުވެ ޕްރައިމަރީ ބާއްވާނެ ދުވަހެއް ޗެއާޕާސަން ކަނޑައެޅުއްވުމަށްފަހު، ގައުމީ މަޖިލީހަށް ހުށަހަޅުއްވައިގެން ފަސް މެންބަރުންގެ ކޮމިޓީ ނަންގަވައިގެން އެކަންތައް ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ވަހީދު ވިދާޅުވީ، މިމަހު 19 ވަނަދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ރިޔާސީ ޓިކެޓް ލިބޭ ގޮތަށް ބަދަލު ގެންނަ އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ މުއްދަތު މިހާރު ހަމަވެފަިއވާތީ، އެކަމަށް ދެން އިތުރު ފުރުސަތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު ހުރި އިސްލާހުތަކުގެ އިތުރުން، ކޮންގްރެސް ތެރެއިން އިސްލާހު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ހޮވާނީ ޕްރައިމަރީއަކުން ކަމަށް ސާފުކޮށްދީފައި މިވަނީ، އެ ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރާ ފަރާތަކަށް ޖެހިގެން އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓް އޮޓަމެޓިކުން ދޭން ޖެހޭނެ ކަމަށާއި، ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް ދިނުމުގެ ބާރު ގައުމީ މަޖިލީހަށް އޮންނާނެ ކަމަށް ބުނެ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2013 ވަނަ އަހަދު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ، ޕްރައިމަރީއަކާ ނުލައި ލިބިވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ވާދަ ކުރައްވައިގެންނެވެ.
އެފަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ އޭރުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ދޭން ނިންމީ އެ ޕާޓީގެ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްގެންނެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ