ޚަބަރު

ޔޯގާ ހަމަނުޖެހުން: އިތުރު ހަތަރު މީހަކު ދޫކޮށްލައިފި

މުހައްމަދު އިޝާން

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތާ ގުޅިގެން، އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

އެ ހަތަރު މީހުންނަކީ އަބްދުﷲ ނިޔާޒު، އިބްރާހީމް ޒިހާން، އަލީ މުހައްމަދު އަދި މުހައްމަދު ޝާންއެވެ.

ކުރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

ފުލުހުން އެ ހަތަރު މީހުންގެ މައްޗަށް ވެސް ކުރާ ތުހުމަތުތަކަކީ ޓެރަރިޒަމް، މާރާމާރި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން، ހުއްދަ ނޫން ތަނަކަށް އެނގިހުރެ ވަނުން އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ 25 މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 10 މީހަކު މިހާރު ވަނީ ދޫކޮށްލައިފައެވެ. ދޫކޮށްލި ބައެއް މީހުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝެއިހު ފަޒްލޫން މުހައްމަދު އަދި ޝެއިހް އާދަމް ނިޝާން ހިމެނެއެވެ.