ބަންލަދޭޝްގެ އަލަމްގީރާ އެކު އެއްޖިންސުން ގުޅުންހިންގަނިކޮށް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ވީޑިއޯތަކުގެ މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މަޝްވަރާއަށް ފުލުހުން ހުށަހަޅައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، އެވީޑިއޯތަކާ ގުޅިގެން ތިން މީހެއްގެ މައްސަލަ ޕީޖީ އޮފީހުގެ މަޝްވަރާއަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް ޝަފީއު ވިދާޅެއްނުވިއެވެ.

އެނގިފައިވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވަނީ އަލަމްގީރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުއަށެވެ.

ގިނަ ބަޔަކު އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އިރު، އޭގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ތަހުގީގަށް ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އާއި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހިމެނެއެވެ.

މީގެ އިތުރުން އެއްޖިންސުން ގުޅުންހިންގި މައްސަލައިގެ ތުހުމަތުކުރާ ބައެއް މީހުން ސަރުކާރުގެ އޮފީސްތަކުން ސަސްޕެންޑް ކޮށްފައިވާއިރު، އެކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ. އަދި ބައެއް މީހުން ރާއްޖޭން ބޭރަށް ފުރާފައިވާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ކުރީގެ ނޫސްވެރިޔާ އަލީ ނަސީރު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު މިއަދު ވަނީ އިތުރުކޮށްފައެވެ.