ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރި، ދީބަނާޒު ފަހުމީ އާއި މުހައްމަދު ސަލީމް، މިއަދު ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ.
އެ ދެ ބޭފުޅުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. ދީބަނާޒް އާއި ސަލީމް ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ އެކަމަށް ޖޭއެސްސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ދީބާނާޒަކީ ކްރިމިނަލް ކޯޓުގެ ފުރަތަމަ އަދި ހަމައެކަނި އަންހެން ގާޒީއެވެ. ދީބާނާޒް ކްރިމިނަލް ކޯޓަށް އައްޔަންކުރީ 2 ސެޕްޓެމްބަރު 2020 ގައެވެ.
ދީބާނާޒަކީ މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލުކުރެއްވުމަށްފަހު، ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓާބަރީން މާސްޓާ އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެބޭފުޅާއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވި، ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތުލް އިސްލާމިއްޔާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައިފައެވެ. ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
އެ ދެބޭފުޅުން ފަނޑިޔާރުކަމާ ހަވާލުވެ ވަޑައިގަތުމުން، އިސް ފަނޑިޔާރާއެކު ޖުމުލަ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ހައިކޯޓުގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާނީ، ދީބަނާޒް އާއި ސަލީމްގެ އިތުރުން އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި މުހައްމަދު ނިޔާޒާއި ހުސައިން ޝަހީދާއި މުހައްމަދު ފައިސަލް އާއި ހުސައިން މަޒީދާއި ފާތިމަތު ފަރުހީޒާ އާއި ހަސަން ޝަފީއު އަދި ހުޒައިފާ މުހައްމަދެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު