"ކަލޭގެ ރީތިކަމާއި ފުރިހަމަކަން ދުރަށް ދައްކައިދޭ އެންމެ ހާއްސަ ތަނަކީ އަހަރެންނެވެ. ކަލޭގެ އަންހެންވަންތައް ނޫނީ ފިރިހެންވަންތަކަން ވިޔަސް މާދުރުން އެތިބަގެންދާ މީހުނަށް ބުނެދެނީ އަހަރެންނެވެ. ރީތިބަނޑިޔަކާއި އެކު ލޫޅާފަތި ގޮތެއްގައި ކަލޭ ދުރަށް ފެންނަނީ ކަލޭ އަހަރެންގެ ބޭނުން ހިފާ ގޮތަކުންނެވެ. ކަލޭ ހަމަބިމުގައި، ކުރާ ދަތުރުތަކުގައި އަހަރެންގެ ފުރިހަމަ ބޭނުން ކުރާން ދަސްކޮށްފި ނަމަ ފެންނަފަށުގައި އެތިބޭ އެންމެންވެސް ކަލޭ ފެނި އާޝޯޚުވާނެ އެވެ. އެއީ ކަލޭގެ މުޅި ހަށިގަނޑުގެ ފަރިކަން އެނބުރެނީ އަހަރެންގެ ބޭނުން ހިފާ ގޮތެއްގެ މަތީން ކަމަށްވާތީ އެވެ. ކަލޭ ކުރާންވީ ކަމަކީ މި ހަގީގަތް ދަތުމެވެ. އެންމެ ފުރަތަމަ އަހަރެންނާ މެދު ފަރުވާތެރިވެ، އަހަރެން ރީތިކޮށް ގެންގުޅެދޭށެވެ. ކަލޭ މޫނަށް ތިކުރާ ހޭދައާއި ބަހައްޓާ އޯގާތެރިކަމުގެ ކުޑަކުޑަ އިންސައްތައަކުން އަހަރެންނާ މެދު ހިތިޔަސް، އަހަރެން ހުންނާނީ އުފަލުންނެވެ. އަދި އޭގެ ބަދަލު ކަލެޔަށް ފެންނާނީ އަދި މާ އުފާވެރިކޮށެވެ."
************
ކޮންމެ މަހަކުވެސް ވަކި ބަޖެޓެއް އެކަމަށް ހާއްސަ ކުރެވެއެވެ. ފުރަތަމަ އެކަމަށް ސަމާލުކަން ދެމުން އައީ ރީތިވުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ފަހުން އެކަން މުހިންމުވާން ޖެހުނީ ދިމާވަމުން ދިޔަ ސިއްހީ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައެވެ. ކުރާ މަސައްކަތުގެ ގޮތުން ގިނަ ވަގުތު ހިރަފުހާއި ކިލާތަކުގެ ތެރޭގައި އުޅެން ޖެހޭތީ ފައިގެ އިނގިލިތަކާއި ނިޔަފަތިތަކާއި ފިޔަވަޅުގެ ދަށްފުށާއި މައްޗަށްވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. އެހެންނޫނީ ވަރަށް ފަސޭހައިން ހަޑިވެ، ހަލާކުވާގޮތްވެއެވެ. ކޮންމެ މަހަކުވެސް އެއްފަހަރު ނޫނީ ދެފަހަރު ކަހަލަ ގޮތަކަށް ސެލޫންއަކަށް ގޮސްގެން ޕެޑިކިއު ހައްދަން ފެށީ އަމިއްލައަށް ފަރުވާ ދީގެން ބޭނުން ވާ ވަރަށް ރީތި ނުކުރެވޭތީއެވެ.
"ބަލާލަ އެހެރަ ރީތި އަންހެން ކުއްޖެއް. އެކަމަކު އެހެރަ ފިޔަވަޅެއް. ފައިތިލަ އެހެރީ ހަންބޯވެ ހަލާކުވެފަ."
ވަރަށް ގިނައިން މިއަޑު އިވޭނެއެވެ. ފިޔަވަޅު ހުތުރުކޮށް ހުންނަ ވާހަކައެވެ. ފިޔަވަޅު ރީތި ކުރަން ދެޖިންސުގެ މީހުންގެ ތެރޭގައިވެސް މަސައްކަތް ކުރާ މީހުން އުޅެއެވެ. އެހެންނަމަވެސް، ބައެއް ފަހަރު އެންމެ ފަރުވާ ކުޑަކޮށްލެވެނީ ފައިތިލައަށާއި ފިޔަވަޅަށް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
އިސްތަށިގަނޑާއި މޫނު ރީތިކޮށް، ދުޅަހެޔޮކަން މަތީ ބެހެއްޓުމަށް ކުރާ މަަސައްކަތް ފައިތިލައާއި ފިޔަވަޅާއި ފައިގެ އިނގިލިތަކުގެ ނިޔަފަތިތައް ރީތިކޮށް ބެހެއްޓުމަށްވެސް ނުކުރެވުމަކީ ވަރަށް އާއްމު ކަމެކެވެ. އެހެން ވާން ޖެހެނީ ގިނަ ފަހަރު ލައިގެން ހުންނަ ފައިވާން ނުވަތަ ބޫޓުގެ ރީތިކަމުން ފައިތިލަ ފޮރުވިފައި ހުންނާތީ ކަމަށްވެދާނެއެވެ. އެހެންނަމަވެސް ފައިތިލަ، ފިޔަވަޅު އަދި ފައިގެ އިނގިލިތަކުގެ ނިޔަފަތިތަކާމެދު މިގޮތަށް ފަރުވާކުޑަކޮށްގެން ތިބެވޭކަށް ނެތެވެ. އެންމެ ފަސޭހައިން ހަލާކުވެ، ބަލިތައްވެސް އެންމެ ފަސޭހައިން ޖެހޭ އެއްތަނަކީ މިއެވެ.
މޫނުގެ ރީތިކަމާއި އޮމާންކަން ދަމަހައްޓަން މަސައްކަތް ކުރާ ގޮތަށް ފައިތިލައާމެދުވެސް ސަމާލުވާންޖެހެއެވެ. ވަރަށް ފަސޭހައިން އެހާމެ ސިއްހީ ގޮތުންވެސް ރައްކާތެރި ގޮތަކަށް ފައިތިލައަށް އަޅައިލެވިދާނެއެވެ. ގިނަ ވަގުތު މަސަައްކަތުގައި އުޅުނަސް، ބޭރުތެރޭގައި ހިރަފުހާއި ކިލާ ތެރޭގައި އުޅުނު ކަމުގައިވިޔަސް ނޫނީ ގޭތެރޭގައި އުޅޭ އިރުވެސް ވަރަށް ފަސޭހަކަމާއެކު، ފައިތިލައަށް އޯގާތެރިވެވިދާނެއެވެ.
ބޫޓަށް ނުވަތަ ފައިވާނަށް އަރާއިރުވެސް ހުސްފައިގައި ހުރުމަށްވުރެ، އެބޫޓަކާ ނުވަތަ އެފައިވާނަކާ ގުޅޭގޮތަށް މިފަރުވާ ދެވިދާނެއެވެ، އާދެ، އިސްޓާކީން ލުމަކީ ހަމައެކަނި ސުކޫލު ދަރިވަރުންނަށް ނުވަތަ ކުޅިވަރުތަކުގެ ތެރެއިން ވަކި ކުޅިވަރެއް ކުޅޭ ބަޔަކަށް ހާއްސަ ކަމެއް ނޫނެވެ. ދުޅަހެޔޮ ފައިތިލައެއް ސާބިތުކަން މަތީ ބެހެއްޓުމަށް އެންމެ ރައްކާތެރި އަދި އެންމެ ޔަގީންކަން ބޮޑު ގޮތަކީވެސް އިސްޓާކީނަށް އެރުމެވެ. ފައިތިލަ ދޮވެސާފުކޮށް، ނިޔަފަތިތައް އޮފު ކުރުމަށްފަހު ހިރަފުހާއި ވައިގެ ތެރެއަށް ދޫކޮށްލުމަށްވުރެ އިސްޓާކީނަށް އަރައިގެން ހުރުމަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރިގޮތްވެސްމެއެވެ.
އިސްޓާކީނުގައި މުޅި ދުވަހު ފައި ފޮރުވާފައި ބެހެއްޓުމުގެ ބައެއް ފައިދާތައްވެސް އެބަހުއްޓެވެ! ހިނގާފައި ދާއިރު އިސްޓާކީނުން މުހިންމު ކުޝަންއެއް ލިބިގެންދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިސްޓާކީނުން ފިޔަވަޅުތައް ކުޝަންކޮށްދީ، ފައި ބޫޓުގައި އުނގުޅުމުން އުފެދޭ ގުދުރަތީ ފިރިކްޝަން ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ.
އިސްޓާކީނާ ނުލައި ހުސްފައިގައި ބޫޓަށް އެރުމުން، އެންމެ ފުރަތަމަ ފާހަގަ ކުރެވޭ އަލާމާތަކީ ވަސް ދުވުމެވެ. އެތުލީޓްސް ފުޓަކީ ފައިގައި ހެދިދާނެ ވައްތަރެއްގެ ފަންގަސްއެކެވެ. މާނައަކީ ރައްކާތެރިކަމުގެ ގޮތުގައި، އިސްޓާކީނު ނުލައި ފިހާރައެއްގައި ބޫޓު ހެޔޮވަރުތޯ ބަލައި ޗެކްކޮށްފިނަމަ ބަލި ޖެހިދާނެއެވެ. އިސްޓާކީނު ނުލައި ހުރުމުގެ މައިގަނޑު ނުރައްކަލަކީ އެތުލީޓުންގެ ފުޓްއާއި އެފަދަ އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު އިތުރުވުމެވެ. އިސްޓާކީނު ނެތި ބޫޓު ލައިގެން އުޅޭއިރު ފަޔާއި ބޫޓާ ދެމެދު ހުރަހެއް ނެތުމުން ޖެހިދާނެ މައްސަލައިން ރައްކާތެރިވަމާހެއްޔެވެ.
އިސްޓާކީނުގެ ސަބަބުން ފައިތިލަ އޮމާންކޮށް ރީތިކޮށްދިނުމުގެ އިތުރަށް ދުޅަހެޔޮކަމާއި ތާހިރުކަންވެސް ފިޔަވަޅަށް ލިބެއެވެ. އިނގިލިތަކުގެ ސިފަ ރީތިވެއެވެ. ހިރަފުހާއި ތެތްކަމުގެ އިތުރަށް ފައިގައި އުފެދޭ ފަންގަސް ކަހަލަ ބަލިން ރައްކާތެރިވެއެވެ. އަދި އިސްޓާކީނަކީ ރޭގަނޑު ނިދާއިރުވެސް ވަކި ހޫނުމިނެއްގައި ހަށިގަނޑު ބާއްވައިދިނުމަށް އެހީތެރިވާ ރަނގަޅު އެއްޗެކެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް