މުނީބާ މަޒާރީ އެނގޭ ހެއްޔެވެ؟ ޕާކިސްތާނުގެ މިއަންހެންމީހާގެ މޫނުމަތިން އަބަދުހެން ފެންނަ ހިނިތުންވުމާއި އޭނާާގެ ފުރޮޅުލީ ގޮނޑިއާ ހަމައަށް އަންނަން ޖެހުނު ވާހަކަ އެނގޭހެއްޔެވެ؟ މުނީބާ މަޒާރީ ބަލޫޗަކީ ޕާކިސްތާނުގެ އެކްޓިވިސްޓެކެވެ. އެންކަރެވެ. އާޓިސްޓެއްކެވެ. މޮޑެލެކެވެ. ލަވަކިޔުންތެރިޔެކެވެ. މޯޓިވޭޝަނަލް ސްޕީކަރެކެވެ. އަދި ބީބީސީން ހޮވާ އެންމެ އިންސްޕިރޭޝަނަލް 100 އަންހެނުންގެ ތެރޭގައި ހިމެނުމާއެކު އދ.ގެ ނޭޝަނަލް އެމްބެސެޑާރ ފޯ ޔޫއެން ވިމެން ކަން ވެސް ލިބިފައިވެއެވެ.
މުނީބާ އަކީ ޕާކިސްތާނުގެ ފަންޖާބުގެ އަވަށެއްކަމަށްވާ ރަހީމް ޔާރުހާނަށް އުފަން އަންހެނެކެވެ. ފައިންއާޓުން ފުރަތަމަ ޑިގުރީ ހާސިލު ކުރުމަށްފަހު އުމުރުން އެންމެ 18 އަހަރުގައި ކައިވެނި ކޮށްފިއެވެ. މިއީ މުނީބާ މަޒާރީ އޭނާގެ ބައްޕަގެ އެދުމަށް ބައްޕަ ހިތްހަމަޖައްސައި ދިނުމަށް ކުރި ކައިވެންޏެކެވެ.
ކައިވެނީގެ ކުރީކޮޅު ފިރިމީހާއާ އެކު ކުރެެވުނު ކާރު ދަތުރެއް ވެގެން ދިޔައީ މުނީބާ މަޒާރީގެ ހަޔާތް މުޅިން ބަދަލުކޮށްލި ދަތުރަކަށެވެ. ކާރުދުއްވަން އިން ފިރިމީހާއަށް ނިދިޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީއެވެ. ފިރިމީހާ ކުދިކުދި ޒަހަމް ތަކަކާ އެކު ސަލާމަތްވިއެވެ. މުނީބާ ކާރުތެރޭގައި ތާށިވެ ސީރިޔަސް އަނިޔާތަކެއް ލިބުނެވެ. އަދި ޖިޕެއްގައި ހޮސްޕިޓަލަށް ގެންދިޔުމަށް އަޑިގުޑަން މަގުތަކުގައި ތިންގަޑިއިރު ދުއްވަން ޖެހުމުން އަނިޔާތައް އިތުރުވިއެވެ. ލިބުނު އަނިޔާތަކަށް ފަރުވާ ކުރުމަށް ތިން މަހެއްހާދުވަހު ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.
މޭ ކަޑިގަނޑު ކުދިކުދިވެ ލިބުނު ގެއްލުން ތަކުގެ ސަބަބުން މުޅި އުމުރުވެސް އުޅެން ޖެހެނީ "ޔޫރިން ބޭގް" އެއްގެ އެހީގައެވެ. މައިބަދައަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކޮޅަށް އިނދެވޭނެ ގޮތް ހެދުމަށް ޑޮކްޓަރުން، މުނީބާ މަޒާރީގެ ގައިގައި ޓައިޓޭނިއަމް ލެއްވިއެވެ. ދެފައި ވައުވިއެވެ. އަތުގެ ކަށިތައް ހަލާކުވެފައިވާތީ ދެ އަތަށްވެސް ޓައިޓޭނިއަމް ލެއްވިއެވެ. އެހެން ކަމުން ޕާކިސްތާނުގައި މުނީބާ މަޝްހޫރު ވެފައިވަނީ 'ދަގަނޑު އަންހެނާ' ގެ ނަމުން ނެވެ.
ޑޮކްޓަރުންގެ ފަރުވާއަށްފަހު ގޭގައި ވެސް ތިން އަހަރު އޮންނަން ޖެހުނެވެ. އޭނާ އެންމެ އުފާވީ ތިން އަހަރަށްފަހު ފުރޮޅުލީގޮނޑިއެއްގައި އިށީނދެވުނު ދުވަހުއެވެ. އެދުވަހު މުނީބާއަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ އަދި ބިރުވެރި ކަންތައްތައްތަކާއިމެދު ވިސްނައި އޭނާ އެކަންކަން ފޮތެއްގައި ނޯޓު ކުރިއެވެ. އަދި އެކަންކަމުން އަރައިގަނެވޭނެ ގޮތްތަކާމެދު ވިސްނިއެވެ.
ފުރަތަމަ ކަމަކީ އެކްސިޑެންޓަށް ފަހު އެކުގައި އުޅެން ބޭނުން ނުވި ފިރިމިހާގެ ކަންތަކެވެ. އޭނާ އެދުނު ފަދައިން އޭނަގެ ކިބައިން ވަރިވިއެވެ. ދެވަނަ ކަމަކީ ދަރިން ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ ކުއްޖަކު އެޑަޕްޓް ކުރުމެވެ.
މިހާރު ނީލްއަށް އެގާރަ އަހަރެވެ. މަންމާއޭ ކިޔައި ގޮވައިލާނެ ދަރިޔަކު މުނީބާއަށް ލިބުނީއެވެ.
ދެން އޮތް ބިރަކީ މުޖުތަމައުން އޭނާއަކީ ބަލިމީހެއްކަމުގައި ބަލައި އޭނައަށް މާބޮޑަަށް ހަމްދަރުދީ ވާނެތީ އެކަމާ މެދު އޮތް ބިރެވެ. އެކަން ހައްލު ކުރީ ހިނިތުންވުމާއެކު މީހުންގެ ތެރެއަށް ނިކުމުގެންނެވެ. މުނީބާ، އޭނާގެ ވާހަކަތައް އެމީހުންނާ ހިއްސާ ކުރެއެވެ. އެމީހުންގެ ކިބައިން ހިތްވަރު ހޯދުމުގެ ބަދަލުގައި އެމީހުންނަށް ހިތްވަރުދޭ މީހަކަށް ބަދަލުވިއެވެ. ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ޓީވީ ޕްރޮގުރާމްތައް ހުށަހެޅިއެވެ. ޓެޑްޓޯކުތަކުގައި ބައިވެރިވެ ހުށަހެޅި ހުށަހެޅުންތަކުގެ ސަބަބުން ޕާކިސްތާން ޓީވީން ފުރުސަތު ލިބި އެތަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވާސިލު ވެވުނެވެ.
2005 ވަނަ އަހަރު ބީބީސީން ހޮވި ނަމޫނާ 100 އަންހެނުގެ ތެރޭ ހިމެނުނެވެ. އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ތެރޭގައި ހިމެނުނެވެ. މިނޫނަސް ލައްކަ ކާމިޔާބުތައް ލިބުނެވެ. މިއަދުވެސް ކޮންމެ ހެނދުނަކު އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވޭތޯ މިންނެތް މަސައްކަތް ކުރާ މުނީބާ މަޒާރީގެ ނަސޭހަތަކީ ބަދުނަސީބަކާއި ކުރިމަތިވުމުން ދިރިއުޅުމުގެ މަތީން ފޫހިނުވާށެވެ. ތިމާގެ ފެންވަރުން ކަންކަމާއި ކުރިމަތި ލައި ކާމިޔާބު ހޯދަން މަސައްކަތް ކުރާށެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް