ޚަބަރު

އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގީ ޔާމީނުގެ ކެމްޕެއިނަށް ނެގި ދަރަނި ދައްކަން: ނާޒިމް

އަލީ ޔާމިން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ހިޔާނާތަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދަރަންޏަށް ނެންގެވި ފައިސާ އަދާކުރުމަށް ރޭވިގެން ހިންގި ހިޔާނާތެއް ކަމަށް ޔާމީންގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ނާޒިމް ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދިނުމަށް އޭނާ އިސް ދައުރެއް އަދާކުރައްވާފައިވާނެ ކަމަށާއި އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެކި މީހުންގެ އަތުން ދަރަންޏަށް ރައީސް ޔާމީން ފައިސާ ނެންގެވި ކަމަށް ވިދާޅުވެފައެވެ.

އަދި އެ ފައިސާ ޔާމީނަށް ގެނެސްދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އަދީބު ކަމަށާއި އެ ފައިސާ ލިބެނީ ރައީސް ޔާމީނަށް ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ކަޅު ދަބަހެއްގައި އަދީބު ގެނައި 15 މިލިއަން ރުފިޔާ އޭނާގެ ހާޒިރުގައި ރައީސް ޔާމީނަށް ދީފައިވާ ކަމަށާއި އެ ފައިސާއަކީ ވިޔަފާރިވެރިއެއްގެ އަތުން ގެނައި ފައިސާ ކަމަށް އަދީބު ވިދާޅުވި ކަމަށެވެ. އޭގެ އިތުރުން އެމްޕީއެލުން އަދީބު ފަސް މިލިއަން ޑޮލަރަށްވާ ފައިސާ ނަގައި، ކެމްޕެއިންނަށް ފައިސާ ދިން ވިޔަފާރިވެރިއެއްގެ އެކައުންޓަށް ޖަމާކުރި ކަމަށްވެސް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީން ދިނީ ޑޭޓެޑް ދެ ޗެކު. ފަހުން ދޭގޮތަށް. އޭގެ މުގާބިލުގައި އެމްޕީއެލުން ދިނީ 2.5 މިލިއަން ޑޮލަރުގެ ދެ ޗެކު. އޭގެ ތެރެއިން އެއް ޗެކު ގޮސް ޖަމާވީ ހާމިދު އިސްމާއިލް ކިޔާ މީހެއްގެ އެކައުންޓަށް. އަނެއް ޗެކު ޖަމާވީ މޯޓިލިއަން ކިޔާ ކުންފުންޏެއްގެ އެކައުންޓަށް. ހާމިދު އިސްމާއިލްގެ އެކައުންޓަށް ޖަމާވި ފައިސާ ގޮސް ޖަމާވީ މި ދެންނެވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ދިން ވިޔަފާރިވެރިޔާގެ އެކައުންޓަށް،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަދީބު އެމްޕީއެލުން ފަސް މިލިއަން ޑޮލަރު ނެގުމުން 18 އޭޕްރީލް 2014 ވަނަ ދުވަހުގެ ހެނދުނު ރައީސް އޮފީހަށް ގޮސް އެ ވާހަކަ ރައީސް ޔާމީނަށް ދެންނެވި ކަމަށާއި ނަމަވެސް ވިޔަފާރިވެރިންގެ އަތުން އަދީބު ފައިސާ ނަގަނީ އެ މަނިކުފާނު ދަންނަވައިގެން ކަމާއި އެ ފައިސާ ލިބިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.

"އެހެންވެ އަޅުގަނޑު މި ދަންނަވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް ފެށީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނެގި ފައިސާ ދެއްކުމަށޭ،" ނާޒިމް ވިދާޅުވިއެވެ.