ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ރަސްމީކޮށް ހުޅުވުމަށް ބާއްވާ އިވެންޓުގައި ރާއްޖޭގެ ދިދަ ވިހުރާލާނެ ފްލެގް ބެއަރާސްގެ ގޮތުގައި ހުނަރުވެރި ދުވުންތެރިޔާ ހިމްނާ ހަސަންއާއި ގައުމީ ބާސްކެޓް ބޯޅަ ކުޅުންތެރިޔާ އިސްމާއީލް ވިލްދާން ހަމަޖައްސައިފިއެވެ.
އެ ދެ އެތުލީޓުންނާ ރަސްމީކޮށް ދިދަ ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި އިއްޔެ ކޮންޔާގައި ބޭއްވި ކުޑަ އިވެންޓެއްގެ ތެރެއިންނެވެ. އެ އިވެންޓުގައި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހީމް ލަބާން ޝަރީފް އަދި އެމްއޯސީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)، ސެކްރެޓަރީ ޖެނެރަލް އަހުމަދު ސައީދު (ތަމޫ) އަދި މިފަހަރު ގޭމްސްގެ ޗެފް ޑި މިޝަން އައިޝަތު ޝިފާނާ ވަޖީހު ބައިވެރިވެފައިވެއެވެ.
އިއްޔެގެ އިވެންޓުގައި މިނިސްޓަރު ވަނީ ހުރިހާ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެން، ގޭމްސްއަށް ދިވެހި އެތުލީޓުންގެ ކަންކަން ފަހިކޮށްދިނުމުގައި ޝެފް ޑި މިޝަނާއި އޮލިމްޕިކްސް ކޮމިޓީން ކޮށްފައިވާ މަސައްކަތް ފާހަގަކުރައްވައިފައެވެ.
ތުރުކީގައި މިހާރު ކުރިއަށްދާ ފަސްވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ ބާސްކެޓްބޯޅަ، ސްވިމިން، އެތުލެޓިކްސް އަދި ޓޭބަލް ޓެނިސް (ޓީޓީ) ގައެވެ. މިއީ ރާއްޖޭން ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރު އަޒަރުބައިޖާންގެ ބަކޫގައި ހޯސްޓްކުރި ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ބައިވެރިވިއެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ މިއަހަރުގެ ފެށުމުގެ ރަސްމިއްޔާތު މިރޭ އޮންނާނީ ކޮންޔާގެ މުނިސިޕަލްޓީ ސްޓޭޑިއަމްގައެވެ. އޯޕަނިން ޕެރޭޑުގައި ރާއްޖެ ތަމްސީލު ކުރާނެ 51 މީހަކު ބައިވެރިވާނެއެވެ. އެއީ އެތުލީޓުންގެ އިތުރުން ގޭމްސްގެ އެހެން ކަންކަމުގައި ހަރަކާތްތެރިވާނެ އޮފިޝަލުންވެސް ހިމެނޭނެ ހެންނެނެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ