ދިވެހިރާއްޖޭގެ ތާރީޚު

ތާރީހުގެ އަލީގައި ފުވައްމުލައް - 01

(ފަތްތޫރައިގެ އަދަދު 289)

ފުވައްމުލަކަކީ، ދިވެހިރާއްޖޭގެ ދެކުނުގައި، ހުވަދުއަތޮޅާއި، އައްޑުއަތޮޅާ ދޭތެރޭ މެދަށްވުރެ އައްޑުއަތޮޅާ ކައިރިއަށް އަތޮޅަކާ ނުގުޅި ވަކިން އޮންނަ ރަށެކެވެ. ފުވައްމުލައް އޮންނަނީ ދެކުނު އަރުޟުން "30. '0.17 ގައި އިރުމަތީ ޠޫލުން '23، 73ޑިގްރީގައެވެ. ރަށްދެމިފައި ވަނީ ވަރިންމައިން ފެހުނަށެވެ. (އައްޔޫޤު Wއިން ޤަލްބު Eއަށެވެ.) ރަށުގެ ވަރިންމަ ކޮޅަށް ކިޔަނީ އުތުރުކޮޅެވެ. ފެހުނުކޮޅަށް ކިޔަނީ ދެކުނު ކޮޅެވެ.

ރަށުގެ ދިގުމިނަކީ ދޭއްބައި މޭލެވެ. ރަށުގެ އެންމެ ހަނި ދިމާއިން (މާނޭރުން ރަސްގެފަންނަށް) ފުޅާމިނަކީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި މޭލެވެ. ކަނޑުގެ ސަތަހުން ފެށިގެން ރަށުގެ އުސްމިނަކީ 10 ފޫޓެވެ.

ހުވަދުއަތޮޅުން މުލަކާ އެންމެ ކައިރީގައި އޮންނަ ރަށަކީ ވާދޫއެވެ. ވާދޫއާ މުލަކާ ދެމެދު ހުންނަނީ '32 މޭލެވެ. މުލަކުން ވާދޫއަށް ސީދާވާ ހިސާބުގެ ދޭތެރެ މެދަށް (ކަނޑުމަޑު ދުވަސްދުވަހު) ދޯނިފަހަރުގެ ކުނބަށް ދެބަ ފެނެއެވެ. ފުވައްމުލަކު އުތުރުކޮޅުން ހުވަދުއަތޮޅު ގަން އޮންނަނީ "ގަހާ" ގައެވެ.

އައްޑުއަތޮޅުން ފުވައްމުލަކާ އެންމެ ކައިރީގައި އޮންނަނީ މީދޫއެވެ. މުލަކުން މީދޫ އޮންނަނީ މުލަކުގެ ނޮރިންމަ (ޤަލްބު W)ގައެވެ. މިދެރަށުގެ ދެމެދުގައި ހުންނަނީ 22 މޭލެވެ. މިދެރަށުގެ ދޭތެރޭ މެދަށް ދެބަ ފެނެއެވެ.

ފުވައްމުލައް އޮންނަނީ އާނުގަނޑެއްގެ މަތީގައި ކަމަށް ބުނެތެވެ. ކަނޑުގެ އަޑީގައި ވަރަށް ބޮޑުތަނުގައި ފެތުރިފައިވާ އާނުގަނޑެއް ތިލަވަމުން ފައްތަރު ކެނޑެމުން އެއްފައްތަރުން އަނެއް ފައްތަރަށް ކުޑަވަމުން މައްޗަށް އުފުލެމުން ގޮސް ކަނޑުގެ ސަޠުޙުން މައްޗަށް އެރީއެވެ.

ބައެއް އިލްމުވެރިން ބަޔާން ކުރާ ގޮތުގައި އެފްރިކާގެ ބަނޑުދަށުން ފެށިގެން ކަނޑުގެ އަޑިން ދެމިގެން އައި ފަރުބަދަ ލައިނަކުން މައްޗަށް އުފުލުނު ބައެއް ތިލަވެ ފެންމަތިވެ ރަށް ހިކުނީއެވެ. ފުރަތަމަ ހިކުނީ ރަށުގެ ވަށައިގެން ކައިރިފަށެވެ. އެތެރޭގައި އޮތީ ވިލާއި ފަޅެވެ. ފަޅަށް ވަދެވޭގޮތަށް، ދެކުނު ކޮޅުގައި ކެނޑުމެއް އޮތެވެ.

ދުވަސްތަކެއް ފަހުން ފަޅުގެ އެކި ހިސާބުން އެކި ބޮޑުމިނުގައި ތިލަވެފުށި (ފީށި) ތަކެއް ހިކުނެވެ. އޭގެ ފަހުގައި މިފުށިތަކުގެ ދޭތެރެ ދޭތެރެއިން ތިލަވެ ހިލި ފުށިތައް ގުޅި ރަށުގެ އެތެރެ ހިކުނީއެވެ. ރަށުގެ ދެކޮޅުގައި އޮންނަ ދެކުޅިއަކީ ނުހިކި އޮތް ދެތަނެވެ. ރަށުގެ ދެކުނު ކޮޅުގައި ފަޅުގެ އަނގަމައްޗާ ގުޅިގެން ދިޔަރެހި ފާޑު ހުދު ކިޔާ ތަނެއް ދާދި ފަހަކާ ޖެހެންދެން ނުހިކި އޮތެވެ. ރަށުގެ މެދުތެރެ ހިކެމުން ދިޔައިރު ވަކި ވަރަކަށް ތިލަވެފައި މުޅިން ނުހިކި ޗަސްބިމަށް އޮތްތަނަކީ އޮޅެވެ. (އަލަ ހައްދާ އޮޅެވެ.)

ރަށް އޮންނަނީ މެދަށް އަޑިކޮށެވެ. ރަށުގެ ދެކުނު ކޮޅަށްވުރެ އުތުރުކޮޅު ތިރިއެވެ. ރަށުގެ ކައިރިފަށުން އެންނެ ތިރިކަމަށް ވަނީ ބަޑަހަލް ފަންނާ ދިމާއިންނެވެ. ރަށުގެ މެދަކީ މެދެގެދަރު ހުރިތަނެވެ. އެއީ މާދަޑު ރަސްމީ ބޯޅަދަނޑުގެ ހުޅަނގު އުތުރުން ހުރި ގެއެކެވެ.

ފުވައްމުލަކަކީ ފެންހެޔޮ ރަށެކެވެ. 1922މ. ވަނަ އަހަރު އެޗް.ސީ.ޕީ.ބެލް މިރަށުގެ އެކި ހިސާބުގެ ފެން ތަޙުލީލު ކުރައްވައި، އެންމެ ފެންހެޔޮ ކަމުގައި ވެފައިވަނީ މާލެގަމު ފެލާފަތިގެދަރިވަޅެވެ.

ރަށުގެ މެދަށް އަޑިކޮށް އޮތުމުގެ ސަބަބުން ވާރޭ ވެހި ރަށުގައި ފެންބޮޑުވެ އަލައޮޅުތަކަށާއި ގޮވާމަށް ގެއްލުން ލިބުނެވެ. ރަށުން ފެން ބޭރު ކުރުމަށް ކާނު (އިރުމަތީ ފަރާތުގައި ދެކާނު، ހުޅަނގު ފަރާތުގައި ދެކާނު) ހެދިފައިވެއެވެ. ރަށުން ފެން ބޭރު ކުރުމަށް، އެންމެ ފުރަތަމަ އާރެއް ނުވަތަ ކޯރެއް ކޮންނެވީ ޙާޖީ ބަންޑާރައިންގެ އިބްރާހީމް ފާމުދޭރި ކިލެގެފާނެވެ. އެފަހުން ފޯކައިދޫކޮއިވެސް އާރެއް ކޮނުނެވެ. މިދެއާރު އޮންނަނީ އިރުމަތީ ފަރާތުގައެވެ. އާއްމުކޮށް ރަށުގައި ފެންބޮޑުވަނީ ހުޅަނގު މޫސުމުގައި ކަމަށްވެފައި، ހުޅަނގު މޫސުމުގައި ރަށުގެ ހުޅަނގު ފަރާތުގައި ރާޅުބޮޑުވާ ކަމަށްވާތީއެވެ. ކާނުތައް ހެދުމަށްފަހު މިދެއާރުގެ ބޭނުމެއް ނުކުރެވެއެވެ.

އުތުރުކޮޅުގައި ނޫނީ ރަށުގެ ވަށައިގެން އޮންނަނީ ފުއްޓަރެވެ. ވިލެއް ފަޅެއް ނޯވެއެވެ. ރަށުގެ ގޮނޑުދޮށުން ފެށިގެން ހޭޅިފަށުން މަތީގެ ވަކި ހިސާބަކަށް ހަރު އާނުގަނޑު އޮވެއެވެ. މިއީ ރަށުގެ ވަށައިގެން އަރާ ބޮޑެތި ބިޔަ ރާޅުތަކުގެ ޙިމާޔަތަކަށް ޤުދުރަތުން ލައްވާފައިވާ ޤުދުރަތީ އައްޑަނައެކެވެ. ރަށުގެ ވަށައިގެންވެސް މިއާނުގަނޑު ނެތް ތަނަކީ ދިޔަރެހި ފާޑު ހުދުގެ އަނގަމަތި އޮތްތަނެވެ. ހޭޅި ފަށުން ތިރީގައި އާނުގަނޑު މަތީގައި، އެކި ހިސާބުގައި އެކި ބޯމިނުގައި ދޮންވެލި ފަށަލައެއް އޮވެއެވެ. ބައެއް މޫސުމުގައި މިވެލިގަނޑު އެހެން ފަރާތަކަށް ގޮސް އާނުގަނޑު ހާމާވެފައި އޮވެއެވެ.

ރަށުގެ އުތުރުކޮޅުގައި ވަރަށް ރީތި އޮފު އަރާ ވެލިގަނޑެއް އޮވެއެވެ. މިވެއްޔަށް ކިޔަނީ ތުނޑީވެއްޔެވެ. މިވެލިގަނޑު އޮންނަނީ މާއެޅެ ކިޔާ ތަނުން ފެށިގެން ގާގޯނި ކިޔާތަނާ ދެމެދުގައެވެ. މިހިސާބުގައި ފުއްޓަރެއް (ގޮނޑުދޮށާ ގުޅިގެން ބޭރަށް އޮންނަ ރަށުގެ މައިތޮށްޓެއް)ނޯވެއެވެ. ގޮނޑުދޮށާ ހަމަޔަށް އޮންނަނީ ފުންފަޅެވެ. ހުޅަނގު މޫސުމުގައި މިތަނަށް ފުޅަނގި އަރާ ދުވަސްވަރު ފުޅަނގިޔާއެކު ކަންނެލިތައް އައިސް ގޮނޑުދޮށު ކައިރީ ތިބެއެވެ. އެއްގަމުގައި މަޑަޖަހައިގެން ކަންނެލި ނަގައި އުޅެއެވެ.

ތުނޑީ ވެލިގަނޑު ދެމޫސުމުގައި ދެކޮޅަށް ދަމައެވެ. ވެލިގަނޑު މިގޮތަށް ދަމާއިރު ބައެއް ފަހަރު ވެލިގަނޑާ ރަށާ ދޭތެރޭ ކަނޑު އޮވެއެވެ. މިހެން އޮންނަ ތަނަށް ކިޔަނީ ބިއްސާވެއްޔެވެ. ތޮށިމަތީގައި އޮންނަ ނަމަ ކިޔަނީ ފަރު ބީއްސާވެއްޔެވެ. ކުރީގައި ބުނި ފުއްޓަރު (ތޮށި) ނޯންނަ ހިސާބުގައި އޮންނަ ބިއްސާވެއްޔަށް ކިޔަނީ ކަނޑުބީއްސާވެއްޔެވެ. ބިއްސާވެލި ކިޔަނީ ވެލިގަނޑު ދަމައިގެންގޮސް އެތެރޭގައި ކަނޑު އޮވެގެން އަނެއް ތަނަކަށް ވެލިގަނޑު ބީއްސާތީވެއެވެ. އެއީ ބިއްސާވެއްޔެވެ.

ކަނޑު ބިއްސާވެލީގައި އެކިވައްތަރުގެ މަސް ބެދިފައި ހުރެއެވެ. ގިނައިން ހުންނަނީ ބާވަތްބާވަތުގެ ފަރުމަހެވެ. އެއްގަމުގައި ތިބެ ބިއްސާވެލިން މަސްބާނައިއުޅެއެވެ. އެންދަމާ ދަލުގެ ހަތަރުކަނުގައި ދިގު ހަތަރު ދަނޑި އައްސައިގެން ދާފައްތައިގެންވެސް މަސްހިފައެވެ. ކަނޑުބިއްސާވެލި ލަނީ ވަރަށް މަދުންނެެވެ. އެންމެ ފަހުން ކަނޑު ބިއްސާވެއްޔެއް ލީ 1929މ. ވަނަ އަހަރުގައެވެ. މިބިއްސާވެލި އޮތީ ގެންމިސްކިތް ފަންނާއި، ގާގޯންޏާ ދޭތެރޭގައެވެ. ކަނޑު ބިއްސާވެލީގެ ބޭރުވެލިގަނޑުގެ މައްޗަށް ނުދާށޭ މުސްކުޅީން ބުނެ އުޅެއެވެ. އެއީ ހަމަ ކުއްލިއަކަށްވެސް އެވެލިގަނޑު ގިރައިގެންް ހިނގައިދާނެތީއެވެ.

ކުރީގެ ދުވަސްވަރެއްގައި އުކުނުމަނާ ކިޔާ މީހަކާއި ދީމަނާ ކިޔާ މީހަކާއި ދެމީހުން ކަނޑުބިއްސާވެއްޔެއްގެ ބޭޭރުވެލިގަނޑު މަތީގައި އުކުނު ހޮވަން ތިއްބާ ކުއްލިއަކަށް ވެލިގަނޑު ގިރައިގެން ގޮސް އެދެމީހުންނަށް ވީގޮތެއް ނޭނގި ގެއްލުނުކަމުގައި ބުނެވެއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ތުނޑީގެ ވެލީގައި އޮފް ހުންނަނީ، ރާޅާއެކު ވެލި ގޮނޑުދޮށުގައި ޕޮލިސްވަމުން ދިޔުމުންނެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި، އެއީ އުފެދޭ ތަނުގެ ގޮތުން އެ ވެލި އުފެދޭ އިރު ހުންނަ އަސްލު ގޮތެވެ.

ރަށުގެ އެހެން ތަންތަނަށް ލައްގާ ކަށިވެލި ރާޅާ ގޮނޑުދޮށުގައި ޕޮލިސްވާލެއް ކުޑައެެއް ނޫނެވެ. އެކަމަކު ތުނޑީގެ ވެލީގައި ހުންނަ އޮމާންކަމާއި އޮފުކަމެއް އެެހެން ވެއްޔަކު ނުހުރެއެވެ. ތުނޑީގެ ވެލީގެ އޮފްކަމާއި، އޮމާންކަން ކުޑަވަމުން ދާކަން ފާހަގަ ކުރެވެއެވެ. މީގެ ހަތްދިހަ ވަރަކަށް އަހަރު ކުރީގައި އެވެލީގައި ހުރި އޮފުކަމާއި އޮމާންކަން މިހާރަކު އެވަރަކަށް ނުހުރެއެވެ.

ރަށުގެ ދެކުނުކޮޅުގައި، ރަށާއި ގުޅިގެން ގާތްގަނޑަކަށް ރަށުގެ ދިގުމިން ހުރި ފަރެއް އޮވެއެވެ. މިފަރަށް ކިޔަނީ ކެޑެމޫލުފަރެވެ. މިއީ އޮޑިދޯނިފަހަރު ނުބީހޭ ފުންފަރެެކެވެ.

އެޑިޓަރުގެ ނޯޓު: މިއީ އަލްފާޟިލް އަލްމަރްޙޫމް އިބްރާހީމް ސަޢީދު މޫސާ ލިޔުއްވައި 2003 ވަނައަހަރު ފަތްތޫރައިގައި ޝާއިޢުކުރެއްވި މަޒުމޫނެކެވެ. އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާ ފުވައްމުލަކުގެ ތާރީޚު ލިޔުއްވާން ފެއްޓެވީ ފުވައްމުލަކުގެ ތާރީޚު ލިޔުމަށްޓަކައި ރައީސް މައުމޫން އުފެއްދެވި ކޮމެޓީއެއްގެ ރައީސު ގެ ޙައިޘިއްޔަތުންނެވެ. އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާ އެއްކުރެއްވި މަޢުލޫމާތުތަކާއި ލިޔުއްވި ލިޔުއްވުންތައް ވަނީ ރަށުއޮފީހުގައި ހުއްޓައި ގެއްލިފައެވެ.

(ނުނިމޭ)