ޚަބަރު

މުހައްމަދު އިސްމާއީލް ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

މުހައްމަދު އިޝާން

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތާ ގުޅިގެން، އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ޔޯގާ ހަމަނުޖެހުމުގެ މައްސަލައާ ގުޅިގެން މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. މުހައްމަދު އިސްމާއީލްގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ތިން ފަހަރެއްގެ މަތިން އިތުރުކޮށްދީފައެވެ. އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިމަހުގެ ހަ ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުންނެވެ.

މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރި އިރު، އޭނާ ހައްޔަރުކުރީ ޔޯގާ ހަމަނުޖެހުން ހިންގުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތްކަމަށް ތުހުމަތުކޮށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، މުހައްމަދު އިސްމާއީލް ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރާނެ ކަމަށެވެ. އަދި އޭނާގެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ފުލުހުން ވެސް އެދިފައިނުވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ، މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލި ނަމަވެސް، އޭނާގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށެވެ.

ރައީސް ޔާމީން އިސްވެ ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް ހިންގެވުމުގައިވެސް އިސްކޮށް ހަރަކާތްތެރި ވަނީ މުހައްމަދު އިސްމާއީލްއެވެ. އޭނާއަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުގެ ހަރަކާތް ޑިޕާޓްމަންޓްގެ ޗެއާއެވެ.