ޚަބަރު

ކުޑަކުއްޖަކާ ބެހުނު ފުވައްމުލަކު ސިޓީގެ ތިން މީހަކު ދިހަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އަލީ ޔާމިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި، ތިން މީހަކު ދިހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ދިހަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޏ.ފުވައްމުލައް، ފުނާޑު، ގިފްޓް، އަހުމަދު އާސިމް އާއި ޏ.ފުވައްމުލައް، މިސްކިތްމަގު، ލީނާ، އަބްދުﷲ ފަރުހާދު އަދި ޏ.ފުވައްމުލައް، ފުނާޑު، ނިކަ، މުހައްމަދު ހުސައިން އަށެވެ.

އެ މީހުންގެ މައްޗަށް ކުރަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުން އެ ތިން މީހުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެ ގޮތުން އެމީހުން ދިހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންވެސް އެއް އަހަރާ ދެ މަސް ދުވަހު ޖަލުގައި ހޭދަކޮށްފައިވާތީ، ތަންފީޒުކުރަންޖެހޭ މުއްދަތަކީ، ނުވަ އަހަރާއި ދިހަ މަހާއި 15 ދުވަހެވެ.

މި މައްސައަކީ ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށްވާތީ، މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ.

މި މައްސަލައަކީ 2014 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވި މައްސަލައެކެވެ. ފަރުހާދު ހިންގި ފޮޓޯ ނަގާ ތަނެއް ބޭނުންކޮށްގެން އަންހެންކުދިންތަކަކަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުއެއިރު ފެންމަތިވިއެވެ.