الخــلفــاء الــرّاشــدون ގެ ދައުރު މާޒީއާ އެކުވެގެން ހިނގައްޖެއެވެ. އެކަމަކުވެސް އިސްލާމްދީނުގެ އިޖްތިމާޢީ ނިޒާމުގެ ރީތި ސޫރަ ދެކޭން ޝައުޤުވެރިވެފައިވާ މީހުން އަދިވެސް ލޯދިލުވައިގެން ތިބީއެވެ. ޢަރަބި ޤައުމުތަކަށް ބަހާރުމޫސުމެއް އަންނާން އުޅުނެވެ. އެކަމަކު އެމޫސުމެއް ނައެވެ. ދުވަސްކޮޅަކު ވައިތަޅައިލުމަށްފަހު ވައިމަޑުވެއްޖެއެވެ. ފެނެއް ނައެވެ. މޫސުން މޫސުމަކަށް ނުވިއެވެ. ޚަރީފު މޫސުން އޮތްގޮތަށް ދެމިއޮތީއެވެ. ދުނިޔެއާއެކު އިސްލާމީ ދުނިޔޭގައިވެސް ނަންފުޅު މަޝްހޫރު عــلاّمــــة يـوسف الـقـــرضـــاوى ޢަރަބީންގެ ޢާންމު އިޙްތިޖާޖަށް ތާއީދު ކުރެއްވިއެވެ. ޢަރަބި ވެރީންނާ ދެކޮޅު ހެއްދެވިއެވެ. ނަމަވެސް މިސުރާއި ސޫރިޔާއާއި ގަލްފުގެ ޤައުމުތަކުގެ ސަރުކާރީ މުފުތީން މިސުރާއި ސޫރިޔާގެ ޢާންމުންގެ ހޭލައިގަތުމާ ދެކޮޅަށް ބަޔާން ނެރުއްވުމުގައި ހީވާގިވެވަޑައިގެންނެވިއެވެ. އެންމެބޮޑަށް ނަގައިކީ ސަޢޫދީ ޢަރަބިޔާގެ ހައިއަތެކުބާރުލްއުލަމާއެވެ. ޚާއްޞަކޮށް حـسنِـى مـبــارك އާ ދެކޮޅަށް ޢާންމުކުރި އިޙްތިޖާޖާ ދެކޮޅަށް ސަޢޫދީ ޢަރަބިޔާއިން حـسنِـى مـبــارك އަށް ތާއީދުކޮށް އަތްބާރުއަޅައިދިނެވެ. ބޮޑުޖުއްބާލެއްވި ޢިލްމުވެރީން ތާއީދުކުރެއްވީ ޙަޤީޤީ އިންތިޚާބަކާނުލައި ވެރިކަމަށް އަރައިވަޑައިގެން ތިއްބެވި ޢަސްކަރީންނަށެވެ. މީހުންގެ އަނގަމަތީ ފޮތިބަނދެ ޚިޔާލުފާޅުކުރުން ހުއްޓުވައިފައިވާ މުސްތަބިއްދުންނަށެވެ. އެބޭކަލުން ވިދާޅުވީ ސަރުކާރާ ދެކޮޅަށް ނުކުތުން ޙަރާމްކަމަށް ޙަދީޘުގައިވާ ކަމަށެވެ. އަމީރަށް ކިޔަމަންވާން އަމުރުކުރައްވައިފައިވާ ކަމުގައެވެ. އެކަމަކު ލީބިޔާއާއި ސޫރިޔާގެ ޢާންމުން ސަރުކާރާ ދެކޮޅަށް ނުކުތުމުން ސަޢޫދީ މުފްތީންގެ ފަތުވާގެ ޖޯޝް ފިނިވެއްޖެއެވެ. ބަންޑާރަ ކާޅުން (މުދިން ކާޅުން) ވިދާޅުވީ އިހުގޮތޯއިއެވެ. ސަބަބަކީ ސޫރިޔާއާއި ލީބިޔާގެ ޢާންމު އިޙްތިޖާޖަށް ސަޢޫދީ ސަރުކާރުގެ އާނބަސް އޮތުމެވެ. ސަޢޫދީ މުފްތީންގެ އަރިހުގައި މިސުރުގެ ރައްޔިތުންގެ އިޙްތިޖާޖު އިސްލާމްދީނާ ޚިލާފެވެ. ސޫރިޔާއާއި ލީބިޔާގެ އިޙްތިޖާޖު އިސްލާމްދީނާ އެއްގޮތެވެ. ނަތީޖާއަކީ އެ ޢިލްމުވެރީންގެ ފަތުވާގެ އިތުބާރު ގެއްލުމެވެ. ޢާންމުންގެ މެދުގައި އެބޭކަލުންގެ އަގުވެއްޓުމެވެ. شــيــخ الأزهـــــر ގެ ފުއްޕާހަމުންވެސް ވަނީ ވައިކޮޅު ގޮސްފައެވެ. ޑިކްޓޭޓަރަށް ތާއީދު ކުރައްވަމުންނެވެ.
ގަދަބަދަވިކަމާއި އަނިޔާއާއި ގޮށްމުށުބާރާ ދެކޮޅަށް އިންޤިލާބު ގެންނާން މަސައްކަތްކުރި ޤައުމުތަކާ ބެހޭގޮތުންވެސް ޢިލްމީ ވިސްނުމަކުން ވިސްނައި ވާހަކަ ދައްކައިލާންޖެހެއެވެ. ތަފާތު ޢަރަބި ޤައުމުތަކުގައި މިކުރެވުނު އިންޤިލާބީ މަސައްކަތަކީ އިސްލާމީ ސިޔާސީ ނިޒާމުގެ ތަރާދުން ކިރައި ވަޒަންކުރާއިރު ޝަރްޢީގޮތުން ކޮންކަހަލަ ކަމެއްތޯވެސް ބަލާންޖެހެއެވެ. ޚާލިޞް ޢިލްމީ މައުޤިފެއް ޚިޔާރުކުރާން ޖެހެއެވެ.
ޢަރަބި ބަހާރުގައި އެންމެފުރަތަމަ ޙަރަކާތްތައް ފެށުނީ ތޫނިސުންނެވެ. އެތާނގެ ޑިކްޓޭޓަރާ ދެކޮޅަށެވެ. ޢަރަބި އިސްލާމީ ޤައުމެއްކަމުގައިވާ ސަޢޫދީ އެރެބިޔާއިން އޭނާއަށް ޙިމާޔަތްދިނެވެ. އެކަމަކުވެސް ތޫނިސްގެ އިންޤިލާބު އޭރު ކާމިޔާބުވިއެވެ. ދެވަނަޔަށް އިހްތިޖާޖު ފެށުނީ މިސުރުންނެވެ. އެތާނގެ ޑިކްޓޭޓަރ حـسنِـى مـبــارك އާ ދެކޮޅަށެވެ. ސަޢޫދީ ޢަރަބިޔާގެ ސަރުކާރުގެ މައުޤިފަކީ حسـنــى مبــارك ޙިމާޔަތްކުރުމެވެ. އިޙްތިޖާޖުގެ ތަޙްރީކާ ދެކޮޅުހަދައި އެ ޙަރަކާތް ނައްތައިލުމެވެ. އެހެންކަމުން ސަޢޫދީ ޢަރަބިޔާގެ ހައިއަތުކުބާރެޢުލަމާއިންނާއި އެތާނގެ މުފްތީން ސަރުކާރުގެ މައުޤިފް ޙިމާޔަތްކުރެއްވިއެވެ. އިޙްތިޖާޖްކުރުމަކީ ޣައިރު އިސްލާމީ ކަމެއްކަމަށް ފަތުވާ ނެރުއްވިއެވެ. އެފަތުވާ ނެރުއްވީ މުސްތަޤްބަލުގައި ސަޢޫދިއްޔާއާ ދެކޮޅަށް ނުވަތަ ގަލްފުގެ އެހެންވެސް ރަސްކަމަކާ ދެކޮޅަށް ތަޙްރީކެއް ފެށުނަ ނުދެއްވުމަށްޓަކައެވެ. ދުރާލައި އެކަމުގެ ދޮރު ބަންދުކުރެއްވުމުގެ ދުރުވިސްނުންފުޅުގައެވެ. އެގޮތުން ކޮންމެ ބީދައެއްގެވެސް ޙާކިމަކާ ދެކޮޅަށް ނުކުތުމަކީ ޣައިރު އިސްލާމީ ކަމަކަށް ހަދައިލެވުނެވެ.
ނަމަވެސް مـعـمّــــر الــقــذّافـــى އާ ދެކޮޅަށް ލީބިޔާގައި އިޙްތިޖާޖުތައް ފެށުމުން އިސްވެދެންނެވި ސަރުކާރީ ދަންނަބޭކަލުންނަކަށް އެކަމާ ދެކޮޅަކަށް ފަތުވާގެ ސިލޭހަ އުފުއްލަވައެއް ނުލެއްވުނެވެ. ކީއްވެގެންތޯއެވެ؟ ސަޢޫދީ ސަރުކާރުގެ މައުޤިފަކީ قــذّافـــى އާ ދެކޮޅުވެރިވުން ކަމުގައިވާތީއެވެ. މިސުރާއި ސޫރިޔާގައި ސަރުކާރީ މުފުތީންނާއި شـيــخ الأزهـــــــر އާއި ސަރުކާރުން "މަހުއެއްޗެހިކޮޅު" ލިބިވަޑައިގަންނަވާ ޢިލްމުވެރީން ގްރެމަފޯން ރެކޯޑުތަކެއް ފަދައިން "ހިޒް މާސްޓަރސް ވޮއިސް" އިއްވަވަމުން ގެންދެވިއެވެ. އެބޭކަލުންގެ ސަރުކާރުތައް ސަލާމަތްކުރެއްވުމަށްޓަކައި ފަތުވާގެ ބޮޑުބަޑި ޖައްސަވަމުން ގެންދެވިއެވެ. "ފަތުވާ އުފައްދާ" އެޖެންސީތަކުން މަސައްކަތްކުރީ އިސްލާމީ ސިޔާސީ ނިޒާމުގެ ބަދަލުގައި އެބައިމީހުންނަށް "ބަނޑުހަނޑޫދޭ" ޣައިރު ޖުމްހޫރީ ސަރުކާރުތައް ދެމެހެއްޓެވޭތޯއެވެ. ގޮންމުށުބާރުގެ ސަރުކާރުތަކުގެ ރަބަރުތައްގަނޑުތަކަކަށް ވެވަޑައިނުގެންނެވި ޢިލްމުވެރީންނާއި އިސްލާމީ އިދާރާތައް ހަދައިލެވުނީ ނިރުބަވެރީންކަމުގައެވެ. އެގޮތުން މުސްލިމުންނަކީ ނިރުބަވެރީންކަމުގައި އެމެރިކާއިން ކުރާ ތުހުމަތުތައް ޚުދު މުސްލިމުން ތަޞްދީޤު ކުރިއެވެ. ޢަރަބި ޤައުމުތަކުގެ ޢިލްމުވެރީން އެބޭފުޅުންގެ ސަރުކާރުތަކާ ދެކޮޅަށް އިޙްތިޖާޖުކުރުން ޙަރާމްކުރެއްވި ފަދައިން ޚުދު އަޅުގަނޑުމެންގެ ތެރެއިންވެސްވަނީ އެމަންޒަރު ވަނީ ފެނިފައެވެ.
ޢިލްމުވެރީންނަކީ އިޙްތިރާމުކުރުން ލާއިޤު ބަޔެކެވެ. ނަމަވެސް މާތް اللّـــه ގެ ދީނުގެ އިސްކަން މާބޮޑެވެ. ޙުރުމަތްތެރިކަން މާބޮޑެވެ. ކޮންމެ މީހަކަށްވުރެވެސް ކޮންމެ އެއްޗަކަށްވުރެވެސް މާބޮޑަށް އެދީނަށް އިޙްތިރާމުކުރުން ޙައްޤުވެގެންވެއެވެ. އެހެންކަމުން ދީނީ ކަމެއްގައި ނުވަތަ ޝަރީޢަތާބެހޭ މައްސަލައެއްގައި މީހަކު ގޯހެއް ހަދައިފިކަމުގައިވާނަމަ އެމީހަކަށް ރިޢާޔަތްކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ތިރީގައި މިބަޔާންކުރަނީ މި މައްސަލައާގުޅޭ ޙަދީޘުފުޅެއްގެ މަފުހޫމެވެ. އިތުރު ސާހިބާ صـلّــى اللّـــه عـليــه وسـلّــم އިރްޝާދު ދެއްވިއެވެ.
"އެކަކުވެސް ތިމާގެ އަމިއްލަ ނަފުސުގެ ޢިއްޒަތް ނަގައިނުލާހުށިކަމެވެ. ޞަޙާބީން ދެންނެވިއެވެ. އޭ މާތް اللّـــه ގެ ރަސޫލާއެވެ! މީހަކު އަމިއްލަޔަށް ތިމާގެ ޢިއްޒަތް ނަގައިލެވޭނެގޮތަކީ ކޮބައިތޯއެވެ؟ އިތުރު ސާހިބާ صـلّــى اللّـــه عـليــه وسـلّــم ޖަވާބުދެއްވިއެވެ. އެގޮތަކީ اللّـــه ގެ ދީނާއި ޝަރީޢަތާ ގުޅޭގޮތުން އެމީހަކު ޚިޔާލުފާޅުކުރާންޖެހޭ މައްސަލައެއްގައި އެމީހަކު ހަނުހުރުމެވެ. އެގޮތަށް ޢަމަލުކޮށްފިކަމުގައިވާނަމަ އަރަހުށި މާތް اللّـــه ޤިޔާމަތްދުވަހުން އެމީހަކާ ސުވާލު ކުރައްވާނެއެވެ. ތިބާ އެވެނި މައްސަލައިގައި ޚިޔާލުފާޅުކުރުން ހުއްޓުވީ ކޮންކަމެއް ހެއްޔެވެ. އޭނާ ދަންނަވާނެއެވެ. ބިރުގަތުމާއި އެކުވެރީންނަށް ރިޢާޔަތްކުރުމެވެ. އަރަހުށި މާތް اللّـــه އެމީހާއަށް ވަޙީކުރައްވާނެއެވެ. ތިމަން اللّـــه އަށް ރިޢާޔަތްކުރުމާއި ތިމަން اللّـــه އާމެދު ޚިޔާލުކޮށް ހަނދާންކުރުން ތިބާގެ މައްޗަށް މާޙައްޤުކަން ބޮޑެވެ." (إبـــن مــاجــــة - ޞައްޙަ ސަނަދެއް)
މި ޙަދީޘުފުޅުން އެނގެނީ ކުރިމަތިވެފައިވާ މައްސަލައަކީ ދީނީ މައްސަލައެއް ކަމުގައިވެފައި ޙައްޤު ފާޅުކުރާންޖެހޭ ދަނޑިވަޅެއްކަމުގައިވާނަމަ އެއްވެސްމީހަކަށް ރިޢާޔަތްކޮށްގެން ނުވާނެކަމެވެ. ޙައްޤުބަސް ބުނާންޖެހޭނެކަމެވެ. ސަޢޫދީ ޢަރަބިޔާއާއި މިސުރާއި ސޫރިޔާގެ ސަރުކާރީ ބައެއް ޢިލްމުވެރީންގެ އަރިހުގައި ޢަރަބި ޤައުމުތަކުގައި ސަރުކާރުތަކާ ދެކޮޅަށް ހިންގުނު ހުރިހައި ޙަރަކާތްތަކަކީ އިސްލާމީ މިޒާޖާ އިދިކީލި ޙަރަކާތްތަކެކެވެ. އެ ޙަރަކާތްތައް އިސްލާމީ މިޒާޖާ ނުގުޅޭކަމުގައިވަނީ ކީއްވެގެންތޯއެވެ؟ އެކަން ބަޔާންކުރެއްވުމަށްޓަކައި ދަލީލުގެގޮތުން ނަޤުލުކުރެވުނީ އަމީރަށް ކިޔަމަންވުމަށް އަންގަވައިފައިވާ ޙަދީޘުފުޅުތަކެވެ. އެ އަމީރަކީ ހެޔޮލަފާ، ނުވަތަ ފާސިޤު ނުވަތަ ފާޖިރަކު ކަމުގައިވިޔަސް އެމީހަކާއެކު ޖިހާދުގައި ބައިވެރިވާން އިރުޝާދު ދެއްވައިފައިވާ ޙަދީޘުފުޅުތަކެވެ. ސޫރިޔާގެ بـشّــارالأســــد އާއި މިސުރުގެ حسـنــى مبـــارك އާއި عـبــدالــفـتّاح السّيسى އާއި ތޫނިސްގެ عـلـــى زيـــن الـعــابــديـــن އާއި ލީބިޔާގެ ކާނަލް قــذّافـــى އަށް އެބޭކަލުންނަށް ކިޔަމަންވުމުގެ އަމުރުފުޅު އައިސްފައިވާ أميـــرالمـؤمـنــيـن ންގެ ނުވަތަ خـلـيفـــة المـسـلمـين ންގެ މަޤާމު ދިނުމަކީ އަޅުގަނޑުގެ ނަޒަރުގައި ނުވިސްނޭކަމެވެ. މޮޔަކަމެކެވެ. އެ އިމާމުންނަށް ނުވަތަ ޚަލީފާއިންނަށް ނުވަތަ أميـــرالمـؤمـنــيـن ންނަށް ކިޔަމަންވުމުގެ އަމުރު ޙަދީޘުފުޅުތަކުގައި އައިސްފައިވާ أميـــرالمـؤمـنــيـن ން ނުވަތަ خـلـيفـــة المـسـلمـين ންނަކީ އެބޭފުޅުން އަމީރުކަން ޝަރުޢީ ދަލީލުތަކުން ސާބިތުވެފައިވާ ބޭފުޅުންނެވެ. މިޒަމާނުގައި ޢަރަބި ދުނިޔޭގައި ވެރިކަން ކުރައްވާ އެންމެ ނުބައި މުޖްރިމުންގެ މަޤާމު ދޭންޖެހޭ ވެރީންނަށް ޢަރަބި ޤައުމުތަކުގެ ސަރުކާރީ ދަންނަބޭކަލުން أميـــرالمـؤمـنــيـن ނުވަތަ خـلـيفـــة المـسـلمـين ގެ މަޤާމު ދެއްވާކަމީ ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަހުރި ކަމެކެވެ. އެ މުޖްރިމުންނަށް ކިޔަމަންވުމަކީ ދީނީ ވާޖިބެއް ނުވަތަ ފަރުޟެއްކަމުގައި ކަނޑައަޅުއްވާކަމީ ދެރަކަމުގެ އިންތިހާއެވެ.
ޝައްކެއްނެތެވެ. ޙަދީޘުފުޅުތަކުގައިވަނީ އަމީރުންގެ ބަސްފުޅުތައް އަޑުއަހައި ކިޔަމަންވާން އަމުރުކުރައްވައިފައެވެ. ތެދުފުޅެކެވެ. ޙާކިމަކު އަނިޔާވެރިވިކަމުގައިވިޔަސް ނުވަތަ އިންސާފުން އެއްކިބާވިކަމުގައިވިޔަސް އެއިން ބޭފުޅެއްގެ ފަރާތްޕުޅުން ފާސިޤުކަމެއް ނުވަތަ ފާޖިރުކަމެއް ފެނުނުކަމުގައިވިޔަސް ކިޔަމަނުން ބޭރުނުވުމަށްވަނީ އިރްޝާދު ދެއްވައިފައެވެ. ނަމަވެސް އެ ޙަދީޘުފުޅުތައް އޭގެ ޞައްޙަ މަޙައްލުގައި ހެޔޮގޮތުގައި ބޭނުންކުރެއްވުމަކީ މުސްލިމުންގެ ފަޤީހުން ކުރައްވާން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. އަމީރުންނަށް ކިޔަމަންވުމުގެ އަމުރު އައިސްފައިވާ އަމީރުންނަކީ ކޮންކަހަލަ އަމީރުންނެއްތޯ އެބޭފުޅުން ބައްލަވާން ޖެހިވަޑައިގަންނަވާނެއެވެ. އާދެ އެބޭފުޅުންނަކީ ދީނާއި ޝަރީޢަތަށް ތަބާވެވަޑައިގަންނަވާ އަމީރުންނެވެ. (الــواجـب هــــو طــاعــــة ولـــى الأمـــــر ومــعـــونــتـــه والـنصـح لــه، مــادام مـلـتـــزمــابـشـــرع اللّـــه)
ޢަރަބި ޤައުމުތަކުގެ ބައެއް "މުދިންކާޅުން" އިސްވެދެންނެވި މަފުހޫމުގެ ޙަދީޘުފުޅުތައް އިންޠިބާޤު ކުރެއްވުމުގައިވަނީ ވަރަށްބޮޑު ކުށެއް ކުރައްވައިފައެވެ. އިސްވެދެންނެވި ޙަދީޘުފުޅުތަކުގެ މުރާދަކީ ފިރުޢައުނާއި ޤައިސަރާއި ކިސްރާފަދަ ބަޔަކު ވެރިކަމުގެ ތަޚްތަށް ސަވާރުވިކަމުގައިވިޔަސް މުސްލިމުންނަށް ކިޔާކަހަލަ ނަންތަކެއް އެބަޔަކަށް ކިޔާކަމުގައިވާނަމަ ތަބާވާން އަމުރުކުރެއްވުމެއް ނޫނެވެ. އިސްލާމީ ޝަރީޢަތަށް ފުރައްސާރަކުރަމުންދާ މީހުންނާއި ދީނީ ޝަޢާއިރުތަކަށް ތައުހީނުކުރަމުންގެންދާ މީހުންނާއި ރިސާލަތުގެ ނާމޫސުގެ ޙުރުމަތް ކަނޑަމުންގެންދާ މީހުން ޙިމާޔަތްކުރަމުން ގެންދާއިރުވެސް މިސްކިތްތަކުގައި ނަމާދުކުރުން މަނާނުކުރާތީ އެފަދަ ވެރީންނަށް ކިޔަމަންވުން ވާޖިބުކުރެއްވުމެއް ނޫނެވެ. ބޭދީނީ ކަންކަމާއި އަނިޔާއާ ދެކޮޅަށް ޞުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރާ ފަރާތްތައް ހުރަގެޖަހަމުން ގެންދާއިރުވެސް އެފަދަ މީހުންގެ މޫނަށް މިރުސްދުންޖަހަމުން ގެންދިޔަކަމުގައިވިޔަސް އެ މުސްތަބިއްދުންނަށް ކިޔަމަންވުން ވާޖިބުކުރެއްވުމެއް ނޫނެވެ. ނަބީބޭކަލުން ގެންނަވައިފައިވާ ޤާނޫނުތަކުގެ ބަދަލުގައި އެހެނިހެން ބިންގާތަކެއްގެ މަތީގައި ޤާއިމުކޮށްފައިވާ ސަރުކާރުތަކަކީ ބާޣީ ސަރުކާރުތަކެކެވެ. އެފަދަ ސަރުކާރުތަކަކަށް ދެމިއޮތުމުގެ ކުޑަވެސް ޙައްޤެއްނެތެވެ. ޙާކިމުންނަށް ކިޔަމަންވުމުގެ އަމުރުފުޅު އައިސްފައިވާ ޙަދީޘްފުޅުތައް މިފަދަ ޙާކިމުންގެ މައްޗަކަށް ތަޠުބީޤެއް ނުކުރެވޭނެއެވެ. އެބައެއްގެ ގޮށްމުށުބާރާއި އަނިޔާވެރިކަމާ ނިސްބަތްކުރާއިރު ކިސްރާއާއި ޤައިސަރު އަނިޔާވެރިކަމަކީވެސް އެއްވެސްކަމަކަށް ނުވާވަރުގެ އަނިޔާވެރީންގެ މައްޗަކަށް އެއަމުރުފުޅުތަކެއް ތަޠުބީޤެއް ނުކުރެވޭނެއެވެ. އިސްލާމީ ޝަރީޢަތް ތަންފީޒުކުރަން އިންކާރުކޮށް ތިޔަކަހަލަ ވިސްނުމެއް ނުގެންގުޅެމުއޭ ފާޅުގައި ބުނާބައެއްގެ މައްޗަކަށްވެސް ތަޠުބީޤެއް ނުކުރެވޭނެއެވެ.
(ނުނިމޭ)