ހުސްވި މެއި މަހު އާސަންދައަށް ހަރަދުކުރި މިންވަރު އެޕްރީލް މަހާ އަޅައިބަލާއިރު 59.7 މިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.

އާސަންދަ ކުންފުނިން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ހަރަދު ކޮށްފައިވަނީ ހޮސްޕިޓަލްތަކަށެވެ. އެގޮތުން ހޮސްޕިޓަލްތަކަށް 122.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ދެން އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ބޭސްފިހާރަތަކަށެވެ. އެއީ 79.5 މިލިއަން ރުފިޔާއެވެ.

ކުލިނިކުތަކަށް 11.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ދޭ ޓިކެޓުގެ ހަރަދުތަކަށް 7.5 މިލިއަން ރުފިޔާ މެއި މަހު ވަނީ ހަރަދުކޮށްފައެވެ. އޮޕްޓިކަލްތަކަށް 2.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އިވެކުއޭޝަންތަކަށް (ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށް) 1.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެޕްރީލް މަހު އާސަންދަ އިން ހަރަދުކޮށްފައިވަނީ ޖުމުލަ 165.8 މިލިއަން ރުފިޔާއެވެ. ނަމަވެސް މެއި މަހު 225.5 މިލިއަން ރުފިޔާ އާސަންދައިން ވަނީ ހަރަދުކޮށްފައެވެ.

ދައުލަތުގެ ބަޖެޓުން މިއަހަރު އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް ޖޫން މަހުގެ ނުވަ ވަނަ ދުވަހާ ހަމަޔަށް 795 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އާސަންދައަށް މިއަހަރު ބަޖެޓުކޮށްފައިވަނީ 730 މިލިއަން ރުފިޔާއެވެ.