ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރުމާއެކު އެ ވަޒީފާތަކަށް ތަރުހީބު ބޮޑު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު ސަރުކާރުން އެކުލަވާލި "ދައުލަތުގެ ޕޭ ފްރޭމް ވާކް"ގެ ދަށުން ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266 ރުފިޔާ ލިބެއެވެ. ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467 ރުފިޔާ ލިބެއެވެ. އަދި މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895 ރުފިޔާ ލިބެއެވެ. ޕްރިންސިޕަލުންގެ ތެރެއިންވެސް ރޭންކު އެކެއްގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610 ރުފިޔާ ލިބޭ އިރު، ރޭންކު ދޭއްގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075 ރުފިޔާ ލިބެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރިން މާލެ ސަރަހައްދުން ފަސް ވަރަކަށް މީހުން ކުރިމަތިލާ މަގާމުތަކަށް މިހާރު 15 ވަރަކަށް މީހުން ކުރިމަތިލާ ކަމަށާއި އެހެންކަމުން މިހާރު ތަރުހީބު ބޮޑުކަމަށް ފާހަގަކުރެވޭ ކަމަށެވެ.
"ބައެއް ރަށްރަށުގައި އެ ދާއިރާއިން ތަމްރީނުވެފައި ތިބި ރަށު މީހުން ނުތިބެދާނެ. އެހެންވީމަ އެކަހަލަ ތަންތަނަށް އެ ޑިމާންޑެއް ނެތް. އެހެންނަމަވެސް ގިނަ މުދައްރިސުން އުޅޭ ސަރަހައްދުތަކުގައި އެ ޑިމާންޑު ފެނިގެން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން ތައުލީމީ ދާއިރާގައި މަސައްކަތްކުރެއްވި ޓީޗަރުންނާއި ޕްރިންސިޕަލުން ވެސް އެނބުރި ދާއިރާއާ ގުޅުމަށް ބޭނުންވެގެން އެކަން އަންގަމުން އަންނަ ކަމަށާއި މަގާމުތަކަށް އިއުލާންކުރުމުން އެބޭފުޅުން ވެސް ކުރިމަތިލާ ކަމަށެވެ.
"އަޅުގަނޑުމެން އިއުލާންކުރީމަ އެބޭފުޅުންގެ ރެސްޕޮންސަށް ބަލާއިރު, މި ބޭބޭފުޅުން އެބަ ކުރިމަތިލައްވާ. އެހެންވީމަ ބޮޑުވި މުސާރައާ ގުޅިގެން އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ މުދައްރިސް ކަމަށް ތަމްރީނުވެފައި ތިބި ބޭފުޅުންގެ ތަރުހީބު އޮތްކަން. އެއާއެކު މިނިސްޓްރީގެ ޕްރޮފެޝަނަލް މަގާމުތަކަށް ވެސް އެއް މަގާމަށް އިއުލާންކޮށްލާއިރު, ފުދޭ ވަރަކަށް ގިނަ އެޕްލިކަންޓްސް ކުރިމަތިލާ. އެހެންވީމާ ހަގީގަތުގައި ޑިމާންޑް ބޮޑުވެއްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ތައުލީމީ ދާއިރާއަށް ވަރަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށާއި އުންމީދަކީ ހަރުދަނާ މުދައްރިސުންނާއި ޕްރޮފެޝަނަލް ބޭފުޅުން ދާއިރާއާ ގުޅުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު