ދުނިޔެ

އަދުގެ ދުނިޔެ: ޒަވާހިރީގެ ބަދަލުގައި އަލްގައިދާގެ ލީޑަރޝިޕާ ދެން ހަވާލުވާނީ ކާކު؟

އިމާދު ލަތީފު

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އެމެރިކާ ސިފައިން ހުސްވި ހަފުތާގައި ދިން ޑްރޯން ހަމަލާއެއްގައި އަލްގާއިދާގެ ލީޑަރު އައިމަން އައްޒަވާހިރީ ވަނީ މަރާލައިފައެވެ. އައްޒަވާހިރީގެ މަރަކީ އަލްގައިދާގެ އޮޕަރޭޝަންތަކަށް ނިމުން އަންނާނޭ ކަމެއް ކަމުގައި ނުބެލެވެއެވެ. ދުނިޔޭގެ ކަންކޮޅުތަކަށް އަލްގައިދާ ފެތުރިފައިވަނީ މިކަހަލަ ކަމަކުން އެމީހުންގެ ހަރަކާތްތައް ހުއްޓުވައިލެވޭވަރަށްވުރެ މާފުޅާކޮށް މާވަރުގަދަޔަށެވެ. ޒަވާހިރީގެ މަރަކީ އަލްގައިދާއަށް އެރި ލޮޅުމެކެވެ. އެކަމާދޭތެރޭ ޝައްކެއްވެސް ނެތެވެ. އަލްގައިދާއަށް ދެން އޮންނާނީ އައު ލީޑަރަކު އައްޔަންކުރުމުގެ މަރުހަލާއެވެ. މި މަރުހަލާގައި އެކި ފެކްޝަންތަކުގެ މެދުގައި ވަރަށް ބޮޑެތި ކޯޅުންތައް ހިނގާނޭކަމަށް ގަބޫލުކުރެވެއެވެ. އެއް ޖަމާއަތެއްގެ ގޮތުގައި ސިފަކުރެވުނަސް ހަގީގަތުގައި އެއީ އެކި މީހުންގެ ކޮންޓްރޯލްދަށުގައިވާ އެކި އެކި އޮޅިއޮޅީގެ ވިޔުގައެކެވެ.

ޒަވާހިރީއަކީ މިސްރަށް ނިސްބަތްވާ މީހެކެވެ. ކުޅަދާނަ ޑޮކްޓަރެކެވެ. ސާރޖަނެކެވެ. އަލްގައިދާ ޖަމާއަތުގެ ސްޕްރީމް ލީޑަރަކަށް ޒަވާހިރީ ހަމަޖެހިގެންދިޔައީ އެމެރިކާ ސިފައިން އެޖަމާއަތުގެ ލީޑަރު އުސާމާ ބިންލާދިން މަރައިލުމުންނެވެ. ބިންލާދިންގެ ޒައާމަތުގެ ދަށުގައި އަލްގައިދާއަކީ ވަރަށް ބޮޑަށް މަރުކަޒު ކުރެވިފައިއޮތް ޖަމާއަތެކެވެ. އެހެންނަމަވެސް ޒަވާހިރީގެ ޒައާމަތުގައި އޭނާވަނީ އެކެއްގެ އިރުޝާދުގެ ދަށުން ކަންކަން ހިންގުމުގެ އުސޫލު ބަދަލުކޮށް އެޖަމާއަތުގެ އޮނިގަނޑު ވަރަށް ބޮޑަށް ލާމަރުކަޒުކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކި ތަންތަނުގައި އަލްގައިދާ ހަރަކާތްތެރިވަނީ އެބަޔަކަށް ފެންނަ ގޮތަކަށެވެ. އެންމެ މަތިން އިރުޝާދު ލިބުމަކާ ނުލައެވެ. މިކަހަލަ އުސޫލަކަށް އަލްގައިދާ ހިނގާތާ މިހާރު އެގާރަ އަހަރެވެ. އުސާމާ ބިންލާދިން މަރައިލީ 2011 ވަނަ އަހަރު ޕާކިސްތާނުގައެވެ.

އަލްގައިދާގެ ގޮފިތަކަށް ބަލާއިރު ވަރަށް ފާހަގަކުރެވޭ ވަރަށް ހަރަކާތްތެރި ގޮފިތަކެއް އެބަހުއްޓެވެ. މިފަދަ ގޮފިތަކުން ގިނަފަހަރަށް އަލްގައިދާގެ ނަންވެސް ބޭނުމެއް ނުކުރެއެވެ. މީގެ އެއް މިސާލަކީ ސޮމާލިޔާގައި ހަރަކާތްތެރިވާ އައްޝަބާބު ޖަމާއަތެވެ. ސޮމާލިޔާގެ ރަަށްފުށުގެ ގިނަ ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ މި ޖަމާއަތުންނެވެ. ބޮން ގޮއްވުމާއި ބަޑިޖެހުމުގެ ކަންކަން ނިކަން ދޭތެރެ އަވަސްކޮށް ހިންގައެވެ. އެފްރިކާގެ ހުޅަނގު ބިތުގައި ހަރަކާތްތެރިވާ ޖޭއެންއައިއެމް އަކީވެސް މިފަދަ ގޮތްޕެކެވެ. މި ޖަމާއަތުގެ ބިރުވެރިކަން އެންމެ ބޮޑަށް ފެތުރިފައި އޮންނަނީ މާލީގައެވެ. މިޒާތުގެ ތިންވަނަ ގޮތްޕަކީ އާގިސްއޭ ކިޔުނު ގޮތްޕެކެވެ. އެމީހުން ހަރަކާތްތެރިވަނީ ދެކުނު އޭޝިޔާ ސަރަހައްދުގައެވެ. އިންޑިޔާއާއި ބަންގްލަދޭޝް އަދި ސްރީލަންކާ ފަދަ ގައުމުތަކުގައެވެ.

އައިމަން އައްޒަވާހިރީގެ ބަދަލުގައި އަލްގައިދާ ޖަމާއަތުގެ ސްޕްރީމް ލީޑަރޝިޕާ ދެން ހަވާލުވާނީ ކާކުބާވަައެވެ؟ އަލްގައިދާގެ މައްޗަށް ވިސްނައި ދިރާސާކުރާ ގިނަ ބަޔަކަށް ފެންނަ ގޮތުގައި އެޖަމާއަތުގެ ވެރިކަމަށް އައުން އެންމެ ގާތުގައި ތިބީ ދެ މީހެކެވެ. އެ ދެމީހުންނަކީވެސް ޒަވާހިރީ ފަދައިން މިސްރު މީހުންނެވެ. އެކަކީ މިސްރުގެ ސިފައިންގެ ތެރޭގައި ކުރިން އުޅެފައިވާ ލެފްޓިނަންޓް ކާނަލްއެކެވެ. ސްޕެޝަލް އޮޕަރޭޝަންތަކުގެ ތަޖުރިބާކާރެކެވެ. ނަމަކީ ސައިފުލް އާދިލެވެ. މީނާ ދިރިއުޅެނީ އީރާނުގައި ކަމަށް ބުނެވެއެވެ. އަލްގައިދާއަކީ ސުންނީ ޖަމާއަތެކެވެ. އީރާނަކީ ޝިޔާ ގައުމެކެވެ. އެހެންވީމާ ދެފަރާތުގެ ގުޅުންތައް އެހާ ރަނގަޅެއް ނޫނެވެ. އެހެންވިޔަސް ބައެއް ހާލަތްތަކުގައި އީރާނުގެ ދެނެގަތުމާއި ހަމްދަރުދީ އޮންނަކަމަށް ބުނެވެއެވެ.

އަނެއް މީހަކީ އަބޫ އަބްދު އަލްކަރީމް އަލްމަސްރީއެވެ. މީނާޔަކީ ސީރިޔާގައި ހަރަކާތްތެރިވާ ހުއްރާސް ގްރޫޕުގެ ލީޑަރޝިޕްގައި ހިމެނޭ ވަރަށް އިސްމީހެކެވެ. މީނާ ދިރިއުޅެމުންދަނީވެސް ސީރިޔާގައި ކަމަށް ބުނެވެއެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި އަލްގައިދާގެ ޒުވާން ހަގުރާމަވެރިން ބޮޑަށް ބޭނުންވާނީ ހަނގުރާމައިގެ މައިދާނުގެ ތެރެއިން މީހަކު އިޚުތިޔާރު ކުރުމަށެވެ. އެގޮތުން ބަލާއިރު ސައިފުލް އާދިލަށްވުރެ ކުފޫހަމަވަނީ އަލްމަސްރީއެވެ. ގިނަ ދުވަސްތަކަކަށް އީރާނުގައި ދިރިއުޅުމަކީވެސް އަލްގައިދާގެ ތެރެއިން ބައެއް މީހުން ސައިފުލް އާދިލަށް ތާއީދު ނުކުރުން އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް މަތީގައި ބަޔާންކުރެވުނު ދެމީހުންގެ އިތުރަށްވެސް ލީޑަރޝިޕަށް ވާދަކުރާ ބަޔަކު ތިބެދާނެއެވެ. ތިބޭނެއެވެ. އެހެންވީމާ އައު ލީޑަރަކު ހަމަޖެއްސުން ފަސޭހައެއް ނުވާނެއެވެ.

ޒަވާހިރީގެ ބަދަލުގައި އައު ލީޑަރަކު ހަމަޖެއްސުން ފަސޭހަނުވުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. އުސާމާ ބިންލާދިންގެ ޒަމާނުގައި ޒަވާހިރީއަކީ އޭނާގެ ނާއިބެވެ. އެންމެ ބޮޑު އެކުވެރިޔާއެވެ. އަދި ޑޮކްޓަރުވެސްމެއެވެ. އެހެންވީމާ ބިންލާދިންއަށް ގޮތެއް ވެއްޖެނަމަ ދެން ލީޑަރަކީ ކާކުކަން އެންމެނަށްވެސް އޮތީ ސާފުވެފައެވެ. އެކަމަކު މިހާރު ވަރަށް ތަފާތެވެ. ޒަވާހިރީގެ ނާއިބަކު ނުފެނެއެވެ. މުޅި ޖަމާއަތް އޮތީ ލާމަރުކަޒު ކުރެވިފައެވެ. އަނެއްކޮޅުން އަލްގައިދާގެ ޒައާމަތަށް އަންނަ މީހަކު ވާންޖެހެނީ އަރަތްބަކަށްތޯ، އެއީވެސް ސުވާލެކެވެ. ޕާކިސްތާނާއި އަފްޣާނިސްތާނާއި އިންޑޮނީޝިޔާއާއި ބަންގްލަދޭޝް ފަދަ އަރަބި ނޫން ގައުމުތަކަށް ނިސްބަތްވާ މީހުންވެސް އަލްގައިދާގައި ގިނަގުނައެވެ. އެމީހުންގެ މުހިއްމުކަންވެސް އެ ޖަމާއަތަށް ކުޑައެއް ނޫނެވެ.