Close
ޚަބަރު

އީމެއިލް އައިޑީ ހޯދައިގެން އިންޓަނެޓް ބޭންކިން އިން ވައްކަން ކުރަނީ، މިދިޔަ ހަފްތާގައި 41 މައްސަލަ

މުހައްމަދު ޖަމްޝަތް ވަހީދު

އީމެއިލް އައިޑީ ހޯދައިގެން އިންޓަނެޓް ބޭންކިން ހިދުމަތަށް ވަދެ ފައިސާ ނެގުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި މިދިޔަ ހަފުތާ ތެރޭގައި އެފަދަ 41 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އީމެއިލް އައިޑީ ބޭނުންކޮށްގެން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި އެފަދަ މައްސަލަތައް މިހާރުވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތައް ބަލައި ތަހުގީގުކުރާ އެއް ޑިޕާޓްމަންޓްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، މަކަރާއި ހީލަތުގެ މައްސަލަތައް ގިނަކަން ފާހަގަވާކަމަށްވެސް ފުލުހުން ބުނެއެވެ. އެގޮތުން ފޯނުން ގުޅައިގެން އީމެއިލް އައިޑީ ހޯދައިގެން ބޭންކުގެ ޚިދުމަތަށް ވަދެ، ފައިސާ ހޯދާފައިވާ މައްސަލަތައް އޭގެ ތެރެއިންވެސް ގިނަކަން ފާހަގަކޮށް ފުލުހުން ބުނީ، ފާއިތުވި ހަފުތާ ތެރޭގައިވެސް މިފަދަ 41 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަން ކުރާ މީހުން ބޭނުންކުރާ އުކުޅުތައްވެސް އެކި ދުވަސްވަރު ބަދަލުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާރަކަށް އައިސް ބޭނުންކުރަމުންދާ އެއް އުކުޅަކީ ފްލެޓް ލިބިފައިވާކަމަށް ބުނެ އެޗްޑީސީގެ ނަމުގައި މޯބައިލް ނަންބަރަކުން ގުޅައި، ހުޅުމާލެއިން ފްލެޓަށް ފޯމް ހުށަހެޅި މީހުންގެ ތެރޭގައި ޝޯޓްލިސްޓު ކުރެވުނުކަމާއި ފްލެޓް ލިބިފައިވަނީ "ޖީ" ކެޓަގަރީއަކުންކަމަށް ބުނެއެވެ.

"އީމެއިލް އައިޑީ ލިބުމާއެކު ޑޮކިއުމެންޓްތައް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވިފައިވާކަން ކަށަވަރު ކުރުމަށްޓަކައި ފޯނަށް މެސެޖެއް އަންނާނެކަމަށް ބުނެއެވެ. ނަމަވެސް ހަގީގަތުގައި މިއަންނަ މެސެޖަކީ "ޖީ" އިން ފެށޭ ޖީމެއިލްއަށް ވަނުމަށް ބޭނުންކުރާ ޓޫފެކްޓަރ އޯތެންޓިކޭޝަން ކޯޑެވެ. ނަމަވެސް ގިނަ ފަރާތްތަކަށް މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި، ފްލެޓް ލިބިފައިވާ ކެޓަރީ އާއި ކޯޑު ފެށޭ އަކުރާ ދިމާވާތީ ގިނަ ބަޔަކަށް މިއީ ހަގީގަތެއްކަމަށް ގަބޫލުކުރެވި، ނުވަތަ ސަމާލުކަން ނުދެވި އެ ކޯޑު ފޯނުން ގުޅި ފަރާތާ ހިއްސާކުރެއެވެ. މި ކޯޑް ހިއްސާކުރުމާއެކު ޖީމެއިލްގެ އެކްސަސް އެދެވުނީއެވެ. "ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފާ ކުރާ އެކައުންޓްގެ ވެރިފަރާތަކީވެސް ކުށް ކުރާ މީހާ ދަންނަ ރައްޓެއްސަކަށް ހެދިގެން އަދި ވަރަށް ކުއްލި ކަމެއް ނުވަތަ އެމަޖެންސީއެއް ދިމާވެގެން ޓްރާންސްފަރ ކުރާ ފައިސާކޮޅެއް ނަގައިދިނުމަށް އެދި އޮޅުވާލައި ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ މީހެއްކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން މިހާރު އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، އެކައުންޓަށް ވަނުމަށްފަހު ފައިސާ ބޭނުންކުރާ ގޮތް ބަދަލުވާން ފަށާފައިވާކަން ފުލުހުން ފާހަގަ ކުރެއެވެ. އެގޮތުން ކުރިން އޭޓީއެމްތަކުން ފައިސާ ނެގިކަމުގައިވީނަމަވެސް، ބޭންކިން ޚިދުމަތުގައި ބޭނުންކުރާ އީވޮލެޓް ޚިދުމަތް ބޭނުންކޮށްގެން ފޯނުފަދަ ތަކެތި ގަނެފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފޯނުފަދަ ތަކެއްޗަކީ ޓްރެކް ކުރެވޭނެ އެއްޗެއްސަށްވުމުން ފަހަކަށް އައިސް ގަޑިއާއި ރަން، އެކި ވައްތަރުގެ ގަހަނާ އާއި އިލެކްޓްރޯނިކްސް ސާމާނުތައް ގަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ މިފަދަ މައްސަލަތަކަކީ ތަހުގީގުކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ މައްސަލަތަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުން ވެފައި އޮންނަނީވެސް އުނދަގޫ މަސައްކަތަކަށް ކަން ފުލުހުން ފާހަގަ ކުރެއެވެ.

މިކަންކަން ހުއްޓުވުމަށްޓަކައި އެމީހެއްގެ ޒާތީ މައުލޫމާތާއި އީމެއިލް އާއި ކޭޝް ކާޑުގެ މައުލޫމާތާއި އެނޫންވެސް މުހިންމު މައުލޫމާތު ހޯދަން ގުޅިކަމުގައިވީނަމަވެސް އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަކީ އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ މައްސަލަތަކަކީ އެންމެންވެސް މިހާރަށްވުރެ ހޭލުންތެރިވެ، ސަމާލުކަން ދީފިނަމަ މަދުކުރެވޭނެ ބާވަތުގެ މައްސަލަކަމަށް ފުލުހުން ފާހަގަ ކުރެއެވެ.