ސަރުކާރުން އަދި މުޅި ދައުލަތުންވެސް އެންމެ ފުރަތަމަ ކޮށްދޭންޖެހޭ ކަމަކީ ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަން ހޯދައިދިނުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ނާޒިމު މިހެން ވިދާޅުވީ، ކަރާއި ހަތަރެސްފައި ބުރިކޮށް، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ރޭ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ މަރާ ގުޅިގެން ފޮނުއްވި ތައުޒިޔާގެ ޓުވީޓެއްގައެވެ.
ޝިއާއަށް ސުވަރުގެ މިންވަރުކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވައި ނާޒިމް ވިދާޅުވީ، ކުށްތަކުން މުޅި ގައުމު ހަފުސްވެއްޖެ ކަމަށެވެ.
"އެންމެ ފުރަތަމަ ސަރުކާރާއި މުޅި ދައުލަތުން ކޮށްދޭންވީ، ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަން ހޯދައިދިނުން،" ނާޒިމް ވިދާޅުވިއެވެ.
ޝިއާގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ނަމަކަށް ކިޔާ މީހަކު ރޭ ހައްޔަރުކޮށްފައެވެ.