ޚަބަރު

ތިމާވެށި ހިމާޔަތްކުރުމަށާއި އިގުތިސާދު ކުރުމަށް ރައީސް ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި

ރާއްޖެ އާއި ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ތިމާވެށި ހިމާޔަތް ކުރުމަށާއި އިގްތިސޯދުކުރަން ދަސްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރިހާ ދަރިވަރުންނަށް މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން މިތިބީ ދަރިވަރުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭން ކަމަށެވެ. އެގޮތުން ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްގީކޮށް ކުރިއަރުވަނީ ތިޔަ ކުދިންނަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމަށާއި މައިންބަފައިން ދަރިވަރުންނާމެދު ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.

ދިރާސީ އާ އަހަރާ ބައްދަލުކުރާއިރު އާ އަޒުމަކާއެކު ކިޔެވުން ފެށުމަށް ދަރިވަރުންނަށް އިލްތިމާސް ކުރައްވަމުން ރައީސް ވިދާޅުވީ, ސްކޫލަށް ހާޒިރުވެ ކިޔެވުމަކީ ވަރަށް ގިނަ ކަންތައްތައް އެކުލެވޭ ކަމެއް ކަމަށެވެ.

އެގޮތުން އަހުލާގީ އެންމެ ރިވެތި ސިފަތައް ލިބިގަތުމަކީ ކުދިން ސްކޫލަށް ހާޒިރުވުމުގެ އެންމެ މުހިންމު މަގުސަދު ކަމަށާއި ފިލާވަޅު ދަސްކުރާ ފަދައިން, ދުޅަހެޔޮ, ހަށިހެޔޮ ޒިންމާދާރު ކުދިބަޔަކަށް ވުމަކީވެސް ސްކޫލެއްގައި ކިޔެވުމުގެ ވަރަށް މުހިންމު އެއްބައި ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ, އަމިއްލައަށް ކަންކަން ކުރަން އާދަކުރި ކަމުގައިވިޔަސް, ހުރިހާ ހާލަތެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ކިޔެވުމުގެ ކަންކަމުގައި ކަމަށެވެ. އަދި ދިރިއުޅެން ދަސްކުރުމަކީ އެ ކުއްޖެއްގެ ވަށައިގެންވާ މާހައުލުން ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ގިރާކުރުމުގައި އެ ކުއްޖެއްގެ ފެންވަރުން މަސައްކަތް ކުރުމުގެ އާދަ ހަރުލެއްވުން ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ, ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާރު, ދަރިވަރުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް އެބަ އޮތް ކަމަށެވެ.

"ތިމާވެށި ހިމާޔަތް ކުރުމަކީ، އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުވާ ސިފައެއް. މިނޫނަސް، ކިޔެވުމުގެ ކޮންމެ ކަމެއްވެސް ތިމާވެއްޓާ ރަހުމަތްތެރި އާދަތަކެއްގެ މަތީގައި ބައްޓަންކުރުން ވަރަށް މުހިންމު. އިގުތިސާދު ކުރުމަކީވެސް، އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަން ޖެހޭ، ވަރަށް މުހިންމު އާދައެއް. ބޭކާރު ހަރަދުތައް ނުކުރުމާއެކު، ކުރަން ޖެހޭ ކޮންމެ ކަމެއްވެސް އެންމެ ހަރަދު ކުޑަގޮތަކަށް ކުރުމަކީ، ސްކޫލް މާހައުލުންވެސް ތިޔަ ކުދިންނަށް އުނގަންނައިދޭނެ، އަދި ދިރިއުޅުމުގައި ނުހަނު ބޭނުން ހިފޭނެ މުހިންމު ފިލާވަޅެއް," ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ, ސްކޫލްގެ ކޮންމެ ކުއްޖަކީވެސް އަނެއް ކުއްޖާގެ އެއްބަނޑު އެއްބަފާ ކުދިން ކަމުގައި ދެކި، އެ ކުދިންނާ މުއާމަލާތު ކުރަންވާނީ އެކުވެރިކަމާއި ހިތްހެޔޮކަމާއެކު ކަމަށެވެ.

މިއަދު ފެށި ދިރާސީ އަހަރު، ދަރިވަރުންގެ އަޒުމަކަށް ހަދަންވީ، ކޮންމެ ދުވަހަކުވެސް، ސްކޫލްގެ އެހެން ކޮންމެވެސް ކުއްޖަކަށް ކިތަންމެ ކުޑަ ކަމެއްގައިވިޔަސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށާއި އޭރުން ސްކޫލަކީ ކޮންމެ ކުއްޖަކަށް ވެސް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭ މާހައުލަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.