ރިޕޯޓް

ޝިއާގެ އަނިޔާވެރި ގަތުލު: ފުރަތަމަ ފެނުނީ އެޕާޓްމެންޓުގެ ދޮރުހުޅުވި މީހަކަށް!

އަލީ ޔާމިން

"ކަރު އޮތީ ބުރިކޮށްލާފައި. އަތްފައިވެސް އޮތީ ބުރިކޮށްލާފައި. މުޅިތަން އޮތީ ލެއިން ތަތްތެޅިފައި" މިއީ ހ. ސީރީން ވިލާގެ ނުވަ ވަނަ ފަންގިފިލާގައި ރޭ މަރާލާފައި އޮއްވާ ފެނުނު، ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ، ޝިއާއު މުހައްމަދު ސައީދު، 22އ ހަށިގަނޑު ފެނުނު މީހަކު އެ ހަށިގަނޑު ސިފަކޮށްދިން ގޮތެވެ.

ޝިއާއު މަރާލި މައްސަލައިގައި، އަލީ ޝާހިލް، 23އ، ކުށުގެ ވެށީން ހައްޔަރުކުރިއެވެ. ޝާހިލް ހައްޔަރުކޮށްގެން ނެރުނީ ހުދުކުލައިގެ ހެޒްމެޓް ސޫޓެއް ލައްވައިގެންނެވެ. ޝާހިލްއަކީ ރާއްޖޭގެ އެންމެ މޮޅު އެއް ސްކޭޓަރެވެ. މަންޒަރުދުށް މީހުން ބުނާ ގޮތުގައި، ޝާހިލް، ޝިއާއު މަރާލީ ރޭ 10:50 ހާއިރުއެވެ. ޝިއާއުގެ ކަރު ބުރިކޮށްލައިފައިވާއިރު، ފައި އޮތީ ކަކުލު ހުޅާއި ހަމައިން ބުރިކޮށްލައިފައެވެ. އެއް އަތްވެސް އޮތީ އުޅަބޮއްޓާއި ހަމައިން ބުރިކޮށްލައިފައެވެ. އޭގެ އިތުރުންވެސް އެކި ކަހަލަ ޒަހަމްތައް ޝިއާއުގެ ހަށިގަނޑުގައި ހުއްޓެވެ.

"އިވުނީ ވަރަށް ބޮޑަށް ޒުވާބުކޮށް އަޑުގަދަކުރާ އަޑު. ދެން ހަޅޭކުގެ އަޑުވެސް އިވޭ. އެ ފަހުން ވީ ގޮތެއް ނޭނގެ. ފުލުހުން އައިއިރުވެސް އޭނާ އިނީ ލެއިން ތަތްތެޅިގެން." މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ޝިއާއުގެ ބޯ ހަށިގަނޑާއި ވަކިކޮށްލާފައި!

"ބޯ ގެންދިޔައީ ވަކިން" ޝިއާއުގެ ހަށިގަނޑު ހ. ސީރީން އިން ނެރިގެން އެމްބިއުލާންސަށް އެރުވި މަންޒަރު ދުށް މީހަކު ބުންޏެވެ. ހ. ސީރީންވިލާއިން ދެ ބޮޑީ ބޭގް ނެރުނު މަންޒަރު ރޭ އެ ސަރަހައްދުގައި ތިބި "ވަން"ގެ ނޫސްވެރީންނަށްވެސް ވަނީ ފެނިފައެވެ. އެނގިފައިވާ ގޮތުގައި މިޔުޒީޝަނެއްގެ ގޮތުގައި އަދި ބަރިޝްޓާއަކަށްވެސް މަސައްކަތް ކުރި ޝިއާއުގެ ބޯ ވަނީ ހަށިގަނޑާ ވަކިކޮށްލައިފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޝާހިލް ދިރިއުޅެނީ ޝިއާގެ ހަށިގަނޑު ފެނުނު އެޕާޓްމެންޓުގައެވެ. އެ އެޕާޓްމެންޓުގައި ޝާހިލްގެ އިތުރުން އެހެން މީހުންވެސް އުޅެއެވެ. އެއީ ކިތައް މީހުން ކަން ވަނީ ކަށަވަރު ނުވެފައެވެ. ޝިއާގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނުނީ އެޕާޓެމެންޓުގައި ދެން އުޅޭ މީހަކު ބޭރުގައި އުޅެފައި އައިސް ސިޓިން ރޫމުގެ ދޮރު ހުޅުވައިލި ވަގުތު އެމީހުންނަށެވެ. އެ ވަގުތު އެމީހާ ދޮރު ލެއްޕުމަށްފަހު ފުލުހުންނަށް ރިޕޯޓު ކުރީ އެވެ.

އެ ސަރަހައްދުގެ މަންޒަރުތައް ދުށް މީހަކު ވަން އަށް ބުނި ގޮތުގައި ޝިއާ މަރާލުމަށްފަހު ޝާހިލް އެގޭ ތިރިޔަށް ފައިބައި ސިޑި ކައިރީގައި ވެސް ހުއްޓެވެ. އޭރުވެސް އޭނާގެ ގައިގައި ލޭ ހުއްޓެވެ. އެހެން ނަމަވެސް އެހެން މަސްދަރަކުން ބުނި ގޮތުގައި، ފުލުހުން ގޮސް ކުށުގެ ވެއްޓަށް ވަން އިރު ޝާހިލް ހުރީ ފާޚާނާ ތެރޭގައެވެ. ފުލުހުންނަށް އިވުނީ ފެން ދޫކޮށްފައި ހުރި އަޑެވެ.

ޝިއާގެ ހަށިގަނޑުގެ ގުނަވަންތައް ވަކިކޮށްފައި އެވަނީ މަރާލުމަށްފަހު، ހަށިގަނޑު ޑިސްޕޯސް ކުރަން (ނައިތައިލާން) ކުރި މަސައްކަތުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް ފޮރެންސިކު ތަހުގީގުގެ ދާއިރާގެ ބޭފުޅަކު ވަން އަށް ވިދާޅުވި އެވެ.

ހ. ސީރީންވިލާއިން ކަޅުކުލައިގެ ދެ ބޮޑީ ބޭގަށް ލައިގެން ޝިއާއުގެ ހަށިގަނޑު ގެންގޮސްފައިވަނީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީއަށެވެ.

ޝާހިލްގެ އާއިލާގެ މެންބަރަކު "ވަން" އަށް ބުނި ގޮތުގައި، އާއިލާއާ ވަކީން ޝާހިލް އުޅޭތާ ހަތަރުވަރަކަށް އަހަރު ވެއްޖެ އެވެ. ޝިއާގެ ހަށިގަނޑު ފެނުނު އެޕާޓްމެންޓަކީ ޝާހިލް ދިރިއުޅޭ އެޕާޓްމެންޓު ކަމަށްވެސް އޭނާ ބުންޏެވެ.

ޝާހިލްގެ ބައްޕައަކީ ފ. ނިލަންދޫ މީހެކެވެ. މަންމައަކީ ފުވައްމަލަކު މީހެކެވެ.

ޝިއާގެ މަންމައަކީ ފުވައްމުލަކު ހޮސްޕިޓަލުގައި ހިދުމަތް ކުރާތާ ވަރަށް ގިނަ ދުވަސްވީ ނަރުހެކެވެ. އޭނާގެ އެއްބަނޑުއެއްބަފާ ދައްތައަކީ ޑޮކްޓަރެކެވެ. ޝިއާ އާއި ޝާހިލް އަކީ ދެ ރަހުމަތްތެރީން ކަމަށް އެ ދެމީހުން ދަންނަ ބައެއް މީހުން ބުނެފައިވެއެވެ. ޝިއާ އުޅެނީ ކައިވެނީގެ ގޮތުން މީހަކާ ގުޅިގެނެއް ނޫނެވެ.