ޚަބަރު

އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ކަސްޓަމްސްގެ ދެ މުވައްޒަފުން ސަސްޕެންޑްކޮށްފި

އަލީ ޔާމިން

އެއްޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން ކަސްޓަމްސްގެ ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަސްޓަމަސްގެ ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މުވައްޒަފުން ސަސްޕެންޑް ކޮށްފައި ވަނީ ގިނަ އަދަދެއްގެ ދިވެހީންނާއެކު އެއްޖިއްސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކު އެއް ޖިއްސުން ގުޅުން ހިންގި މައްސަލައިގައެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މީގެ ކުރިން ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންތަކެއް ވަނީ ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރޭގައި ޓީޗަރަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީސް މުވައްޒަފެއްވެސް ހިމެނެއެވެ.

އަލަމްގީރް ހިމެނޭހެން އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުއެވެ. އޭގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރެވެ.