ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތާ ގުޅިގެން، އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލައިފިއެވެ.
އޭނާ ކޯޓުން ދޫކޮށްލާފައި މިވަނީ އެ ހަމަނުޖެހުން ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވުމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހު، ތިން ވަނަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހުގައެވެ.
އޭނާ ހައްޔަރު ކުރުމަށްފަހު ފުރަތަމަ ބަންދު ކުރީ ތިން ދުވަހުގެ މުއްދަތަކަށެވެ. ދެވަނަ ފަހަރު ނުވަ ދުވަހުގެ މުއްދަތު އަދި ތިންވަނަ ފަހަރު 30 ދުވަހުގެ މުއްދަތަށް ބަންދު ކުރިއެވެ.
އޭނާ ދޫކޮށްލާފައި މިވަނީ އެންމެ ފަހުން ބަންދަށް އިތުރުކުރި 30 ދުވަހުގެ މުއްދަތު ހަމަވުމުން މ،ުއްދަތު އިތުރު ކުރުމަށް ކުރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުންނެވެ.
ރައީސް ޔާމީން އިސްވެ ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް ހިންގެވުމުގައިވެސް އިސްކޮށް ހަރަކާތްތެރި ވަނީ މުހައްމަދު އިސްމާއީލްއެވެ. އޭނާއަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުގެ ހަރަކާތް ޑިޕާޓްމަންޓްގެ ޗެއާއެވެ.