ކްރިސްޓިއާނޯ ރޮނާލްޑޯ

ޓެން ހާގު ރޮނާލްޑޯއާ މެދު ހިތްހަމަޖެހިފައި!

މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރުމަކީ އުފާވާ ކަމެއް ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.

ޓެން ހާގު އެފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވަނީ ރޮނާލްޑޯއާއި އޭނާއާ ދެމެދު ކޮންމެވެސް ވަރަކަށް މައްސަލަތަކެއް އުޅޭ ކަމެއް މީޑިއާތަކުގައި ވާހަކަ ފެތުރިފައި ވަނިކޮށެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯ މި ސީޒަންގެ ޕްރީ ސީޒަން ތެރޭގައި ޔުނައިޓެޑް ދޫކޮށްލަން މަސައްކަތް ކުރިތަން ފެނިފައިވެސްވެއެވެ. އެގޮތުން އޭނާގެ އެޖެންޓް ވަނީ ޗެމްޕިއަންސް ލީގުގެ ފުރުސަތު އޮތް ކްލަބަކަށް ރޮނާލްޑޯ ގެންދަން މަސައްކަތްކޮށްފައެވެ.

ޔުނައިޓެޑުން ޕްރީ ސީޒަންގައި ކުރި ކޭމްޕުތަކުގައި ރޮނާލްޑޯ ފެނިފައިނުވާ އިރު، އޭނާ ކްލަބަށް އެނބުރި ދިޔައީ ސީޒަން ފެށި ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. ރޮނާލްޑޯގެ އެންމެ ބޮޑު ކަންބޮޑުވުމެއް ކަމަށް މީޑިއާތަކުން ފާހަގަކޮށްފައި ވަނީ ޔުނައިޓެޑާއެކު ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ނުކުޅެވި، ޔޫރޮޕާ ލީގުގައި ކުޅެން ޖެހުމެވެ.

"އަހަރެން ވަރަށް އުފާވެފައި މިހުރީ ރޮނާލްޑޯ ޓީމުގައި ހުރުމުން. އެއީ ޓޮޕް ފޯވަޑެއް. އެހެންވީމަ އެ ޕްލޭނަށް މި މަސައްކަތް ކުރަނީ،" ޓެން ހާގު ބުންޏެވެ.

ރޮނާލްޑޯ ޔުނައިޓެޑްގެ ޕްރި ސީޒަނުގައި ކުޅެފައި ވަނީ ރަޔޯ ވަލެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފަށްފަހު ރޮނާލްޑޯ ބަދަލު ކޮށްފައިވާ އިރު، މެޗު އެއްކޮށް ނުނިމެނީސް ރޮނާލްޑޯއާއެކު ބައެއް ކުޅުންތެރިން ވަނީ ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ. އެ ކަމުގައި ޓެން ހާގު ވަނީ ނުރުހުން ފާޅުކޮށްފައެވެ.