އިނގިރޭސި ޕްރިމިއާ ލީގު

އާސެނަލްއިން ލީގު ފެށީ ފުރިހަމަ މޮޅަކުން

އިނގިރޭސި ޕްރިމިއާ ލީގު 2022-2023 ވަނަ އަހަރު ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި އާސެނަލްއިން ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.

އާސެނަލްއިން ރޭ ރަށުން ބޭރުގައި ޕެލެސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޕްރި ސީޒަނުގައިވެސް ރަނގަޅު ފޯމެއް ދައްކަމުން ދިޔަ އާސެނަލްއިން ރޭގެ މެޗުގައިވެސް ފެނުނީ ތައްޔާރަށް އޮތްތަނެވެ. އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗު ފެނިގެން ދިޔައީ ހަމަލާތައް ގިނަ މެޗެއްގެ ގޮތުގައެވެ.

މެޗުގެ 20 ވަނަ މިނެޓުގައި އާސެނަލްއިން ލީޑު ނެގިއެވެ. އަލަށް މި ސީޒަނަށް ޓީމަށް ގެންދިޔަ އޮލެކްސެންޑްރާ ޒިންޗެންކޯ ބޮލުން ޖައްސާލި ބޯޅަ ގެބްރިއަލް މާޓިނެލީ ގޯލަށް ވައްދާލައި ލީޑު ނެގި އިރު، ފުރަތަމަ ހާފުގައި މާޓިނެލީއަށް ވަނީ ލީޑު ފުޅާކުރަން ހުސް ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އާސެނަލްގެ ފުރަތަމަ 11 އިން އަލަށް ޓީމަށް ގެންދިޔަ ގެބްރިއަލް ޖީސަސް ފެނިފައިވާ އިރު، އޭނާގެ ފަރާތުންވެސް މެޗުގައި ރަނގަޅު ކުޅުމެއް ފެނިފައިވެއެވެ.

މެޗުގައި ޕެލެސްގެ ހަމަލާތައްވެސް މަދެއް ނޫނެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް އޮޑްސޮން އެޑުއާޑުގެ ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ބޯޅަ އާރޮން ރެމްސްޑޭލް ވަނީ މަތަކޮށް ބޭރު ކޮށްލައިފައެވެ. އޭގެ އިތުރުން ދެވަނަ ހާފުގެ ކުރީކޮޅުގައި އެބެރެޗީ އެޒޭއަށް ލިބުނު ފުރުސަތުގައި ހުސްކޮށް އަރައި އޭނާ ފޮނުވާލި ހަމަލާވެސް މަތަކުރީ އާސެނަލްގެ އިންގްލެންޑް ގޯލްކީޕަރު ރެމްސްޑޭލްއެވެ.

އާސެނަލްއިން މެޗުގައި ދެވަނަ ގޯލެއް ޖެހީ މެޗުގެ ނިމެން ދަނިކޮށެވެ. އެ ގޯލަކީ އަރިމަތިން ބުކަޔީ ސަކާ ހުރަސްކޮށްލި ބޯޅައެއް މާކް ގުއޭހީ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ ޓީމު އޮތީ ކާމިޔާބީއަށް ބޭނުންވެ ތައްޔާރަށް ކަމަށާއި ރޭގެ މެޗަކީ މެންޓާލިޓީއަށް ބަލައި، ފުރިހަމަ މެޗެއް ކަމަށެވެ. އެގޮތުން މެޗުގައި އާސެނަލް ނުރައްކާ ބޮޑުކޮށް ފެނުނު އިރު، އުނދަގޫ ހާލަތްތަކުގައި ޕްރެޝަރު ހޭންޑަލް ކުރިތަން ފެނިގެން ދިޔަ ކަމަށްވެސް އާޓެޓާ ބުންޏެވެ.

ޕްރިމިއާ ލީގުގެ އިތުރު މެޗުތައް މި ހަފުތާ ކުރިއަށް ދާނެއެވެ.