ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހުސްވި ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ، މިދިޔަ އަންގާރަ އަދި ބުދަ ދުވަހު އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އޭގެ ތެރެއިން އެކަކުގެ ބަންދަށް 30 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިދީފައިވާ އިރު، އަނެއް މީހާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު މީގެ ކުރިން ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.
ބަންދުން ދޫކުރި ބައެއް މީހުންގެ މައްސަލަ އިސްތިއުނާފުކުރަން ދައުލަތުން ވަނީ ނިންމައިފައެވެ. ބައެއް މީހުންގެ މައްސަލަ އިސްތިއުނާފުވެސް ކޮށްފައިވެއެވެ.