ޚަބަރު

ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ ދެ އަހަރުގެ ޖުލައި މަހަށްވުރެ ގިނަ

މުހައްމަދު ޖަމްޝަތް ވަހީދު

މިިދިޔަ ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ ދެ އަހަރުގެ ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެ އިތުރުވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 133،561 ފަތުރުވެރިން އައިސްފައިވެ އެވެ. އެއީ 2019 އަހަރުގެ ޖުލައި މަހާ އަޅާބަލައި އިރު، 1.1 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި 2021 ވަނަ އަހަރާ އަޅާބަލައި އިރު، 31.2 ޕަސެންޓް ވަނީ އިތުރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާ މި އަހަރުގެ މިހާތަނަށް 960،075 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ 14 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސި ވިލާތުންނެވެ. ރަޝިއާއަކީ މިއަހަރުގެ ތިންވަނަ ޓޮޕް މާކެޓެވެ.

ފަތުރުވެރިކަމާބެހޭ މިނިސްޓްރީން ބުނީ، މިދިޔަ މަހު އެވްރެޖުކޮށް ދުވާލަކު 4،308 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. 2019 ވަނަ އަހަރުގެ ޖުލައި މަހުގައި އެވްރެޖްކޮށް އައީ 4،263 ފަތުރުވެރިންނެވެ.

ޓޫރިސްޓުން ރާއްޖޭގައި އެވްރެޖުކޮށް ހޭދަކުރާ ދުވަހަށް ބަލައި އިރުވެސް 2019 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލައި އިރު، މި އަހަރުގެ ޖުލައި މަހު އެ އަދަދު އިތުރެވެ. އެގޮތުން މިދިޔަ މަހު ފަތުރުވެރިން ރާއްޖެގައި އެވްރެޖުކޮށް އަށް ދުވަސް ހޭދަކޮށްފައިވެ އެވެ. ދެހާސް ނަވާރަވަނަ އަހަރު އެ އަދަދު އުޅެނީ 8.3 ދުވަހުގައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިއަހަރުގެ ޓާގެޓަށް ފަތުރުވެރިން ގެނެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި އަދި އުންމީދަކީ އެއަށްވުރެވެސް ގިނަ ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.