މަންތާ އެއާލައިނާ ދެކޮޅަށް ދ. ކުޑަހުވަދޫ ކުރި މުޒާހަރާގެ ތެރެއިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
ކުޑަހުވަދޫ ޒުވާނަކަށް ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި އިތުރު ފަރުވާއަށް މާލެއަށް ނުގެންދެވި، ލަސްވުމުން، މަންތާ އެއާލައިނާ ދެކޮޅަށް ދ. ކުޑަހުވަދޫ އެއާޕޯޓް ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން އެ ރަށުގެ ބައެއް ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާތައް ހުއްޓާލާފައިވަނީ ރޭ މަންތާގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު، ކުޑަހުވަދޫ ރައްޔިތުން އެދުނު ކަންކަން ކޮށްދޭނެކަމުގެ ޔަގީންކަން މަންތާއިން ދިނުމުންނެވެ.
ކުޑަހުވަދޫ ކައުންސިލް މެމްބަރު މުހައްމަދު ޝިޔާމް މިރޭ "ވަން" އަށް ވަނީ ހައްޔަރުކުރި އެންމެން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކުރިކަން ކަށަވަރުކޮށްދެއްވައިފައެވެ. ޝިޔާމް ވިދާޅުވީ އެ ހުރިހާ މީހުން ވެސް ދޫކޮށްލީ މީގެ ކުޑައިރުކޮޅެއް ކުރިން ކަމަށެވެ.
ޝިޔާމް ވިދާޅުވީ، ކޯޓުން އެ ހުރިހާ އެންމެން ވެސް ދޫކޮށްލީ ރަށު ބަންދަށް 15 ދުވަސް ޖެހުމަށްފަހު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ ކުޑަހުވަދޫގައި ކުރިޔަށް ގެންދިޔަ މުޒާހަރާގައި ހަމަނުޖެހުން ހިންގި މައްސަލައިގައި 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ 10 މީހެކެވެ. މުޒާހަރާގެ ހަމަނުޖެހުންތަކާ ގުޅިގެން ރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ ހަ މީހެކެވެ.
ކުޑަހުވަދޫ ހަމަނުޖެހުމާ ގުޅިގެން މީގެ ކުރިންވެސް މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް އެ މީހާވެސް ވަނީ އިއްޔެގެ ވަގުތެއްގައި ދޫކޮށްލައިފައެވެ.