ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާގެ މުމްބާއީގައި ހުންނަ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީ) އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ އެ ޒިޔާރަތުގައި ޖޭއެންޕީޓީގެ ޗެއާމަން ސަންޖޭ ސެތީ، ރައީސަށާއި އެމަނިކުފާނުގެ ވަފުދަށް، އެބަނދަރުގެ ތާރީހާއި އެތަނުގައި ހުރި ވަސީލަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި ބަނދަރުގެ މަސައްކަތްތައް ހިންގާ މުހިއްމު ތަންތަނަށް ރައީސް އާއި ވަފުދުގެ ބޭފުޅުންނާ އެކު ސަންޖޭ ސެތީ ވަޑައިގެންނެވި ކަމަށެވެ.
ރައީސް ޖޭއެންފީޓީއަށް ކުރެއްވި ޒިޔާރަތުގެ ބޭނުމަކީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ޖޭއެންފީޓީގައި ކަންކަން ކުރިޔަށްދާ ގޮތް ބައްލަވައި މައުލޫމާތު ހޯއްދެވުމަށް ރައީސް އޮފީހުން ބުންޏެވެ.
ޖޭއެންޕީޓީއަކީ އިންޑިއާގެ ޕްރިމިއާ ކޮންޓެއިނަރު ހޭންޑްލިން ޕޯޓެކެވެ. އިންޑިއާގެ މައި ޕޯޓުތަކަށް ބަލާއިރު، އެ އެ ޕޯޓްތަކަށް ބާލާ ކޮންޓެއިނާ ކާގޯގެ 50 ޕަސެންޓު ހިއްސާކުރަނީ ޖޭއެންޕީޓީންނެވެ. ދުނިޔޭގެ ކޮންޓެއިނާ ޕޯޓްތަކުގެ ތެރެއިން އެންމެ ރަނގަޅު 100 ބަނދަރުގެ ތެރޭގައިހިމެނޭ ޖޭއެންޕީޓީ، ދުނިޔޭގެ 200 އަށްވުރެ ގިނަ ބަނދަރަށް މުދާ އުފުލައެވެ.
ރައީސް ސޯލިހު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މާލޭގެ ވިޔަފާރި ބަނދަރު ނުވަތަ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ސަރުކާރުން ވަނީ އެ ޕޯޓް ގުޅިފަޅަށް ބަދަލުކޮށް އިތުރަށް ތަރައްގީ ކުރުމަށް ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު