Close
ޚަބަރު

އަދީބު ހަވާލުކުރި އެއް މިލިއަން ރުފިޔާ ޔާމީނަށް ދިނިން: އޮއިއްޓޭ

އަލީ ޔާމިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ބުނެގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެއް މިލިއަން ރުފިޔާ ދީފައިވާނެ ކަމަށް އަދީބުގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި އަދި އަދީބުގެ ޒަމާންވީ އެކުވެރިއެއް ކަމަށްވާ މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނެފިއެވެ.

އޮއިއްޓޭ މިހެން ބުނެފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ މައްޗަށްކުރާ، ރިޝްވަތު ދިންކަމުގެ ކުށުގެ ދައުވާގައި މިއަދު ކުރިމިނަލް ކޯޓުގައި ހެކިބަސް ދެމުންނެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ހުރެގެން އޮންލައިންކޮށް ވީޑިއޯ ކޮންފަރެސްއިން ހެކިބަސް ދޭން ފެށުމުން ރައީސް ޔާމީންގެ ވަކީލުން ވަނީ އެކަމަށް އިއުތިރާޒުކޮށް، ހެކިވެރިޔާ މަޖިލީހަށް ހާޒިރުނުވެ ހެކިބަސް ދެމުންދަނީ އޭނާ ހާޒިރު ނުކުރެވިގެންތޯ ސުވާލުކޮށްފައެވެ.

އެކަމާގުޅޭގޮތުން ދައުލަތުން ބުނީ، ހެކިވެރިޔާއަކީ ރާއްޖޭގައި ދިރިއުޅޭ ފަރާތެއް ނޫން ކަމަށާއި އޭނާ ދިރިއުޅޭ ގައުމުގެ އެމްބަސީ މެދުވެރިކޮށް ހެކިބަސް ނެގުމަށް ހަމަޖެއްސީ އެ ސަބަބާހުރެ ކަމަށެވެ. ނަމަވެސް ޝަރީއަތަށް ހާޒިރުވެވެން އޮތް މީހަކު ޝަރީއަތަށް ހާޒިރުނުވެ ހެކިބަސް ދިނުމަކީ ގަބޫލުކުރެވޭނެ ސަބަބެއް ނޫން ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.

އޮއިއްޓޭގެ ހެކިބަސް ނެގުމުގެ ބަހުޝްއާ ގުޅިގެން އިސްގާޒީ އަހުމަދު ޝަކީލު ނިންމެވީ ގާނޫނުގެ ދަށުން ހެކިބަސް ނެގުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ހެކިބަސް ދެމުން އޮއިއްޓޭ ވަނީ، އޭނާ އާއި ރައީސް ޔާމީނާ އެންމެ ފުރަތަމަ ބައްދަލުވީ، 2013 ވަނަ އަހަރު ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅުން ކަމަށެވެ. އެއީ އަހުމަދު އަދީބު ރަށުން ބޭރަށް ވަޑައިގަންނަވަން އުޅުއްވާތީ ހަވާލުކުރެއްވި ފައިސާތަކެއް ރައީސް ޔާމީނަށް ދިނުމަށް ކަމަށް އޭނާ ބުންޏެވެ.

އޮއިއްޓޭ ބުނި ގޮތުގައި އޭނާ އެއް މިލިއަން ރުފިޔާ ގެންދިޔައީ ކަރުދާސް ކޮތަޅެއްގައެވެ. އޭގައި 500 ނޫޓުގެ ދިހަ ބޮނޑި އޮތް ކަމަށެވެ.

"އަޅުގަނޑު ފުރަތަމަ ކޮތަޅުން ދިނީ އެއް ލައްކަ ރުފިޔާ ނަގައިފައި. އެވަގުތު އަޅުގަނޑަށް ފާހަގަވީ ރައީސް ޔާމީންގެ މޫނު މަތިން ވަރަށް ބޮޑަށް ނުތަނަވަސްކަން،" އޮއިއްޓޭ ބުންޏެވެ.

ޔާމީންގެ މޫނުފުޅުން ނުތަނަވަސްކަން ފެނުމުން އެކަން އަދީބާ ހިއްސާ ކުރުމުން، ރައީސް ޔާމީނަށް އިތުރު ފައިސާ ހަވާލުކުރަން އެންގެވި ކަމަށާއި އެގޮތުން އިތުރު ނުވަ ލައްކަ ރައީސް ޔާމީނާ ހަވާލުކުރި ކަމަށް އޭނާ ބުންޏެވެ.

އަދީބުގެ ޑްރައިވަރެއްގެ ހައިސިއްޔަތުން އެކި ވިޔަފާރިވެރިންގެ އަތުން ފައިސާ ނެގުމާއި އަދީބު އަންގައިގެން އެކި މީހުންނާ ފައިސާ ހަވާލުކޮށްފައިވާނެ ކަމަށް އޮއިއްޓޭ ބުންޏެވެ. އަދި އަދީބު އާންމުކޮށް ފައިސާ ބަހައްޓަވަނީ އޭނާގެ ގެކޮޅާއި ކާރާއި އޭނާގެ އޮފީހުގައި ކަމަށް އޮއިއްޓޭ ބުންޏެވެ.

އޮއިއްޓޭ ބުނި ގޮތުގައި އަދީބު އަންގަވައިގެން އެހެން މީހުންނާ ހަވާލުކުރި ފައިސާގެ ސީދާ އަދަދެއް އޭނާ ހަނދާން ނެތް ކަމަށެވެ. އަދި އަދީބުގެ ޑްރައިވަރަކަށް އުޅުނު އިރު ލިބުނު މުސާރަވެސް ހަނދާން ނެތް ކަމަށް ބުންޏެވެ.

އޮއިއްޓޭ ބުނިގޮތުގައި އޭނާއަށް ކަމެއް ދިމާވާހާލަތުގައި އަދީބުގެ ފަރާތުން އަބަދުވެސް ފައިސާގެ އެހީ ލިބިފައިވާ ކަމަށެވެ. އަދި ވިޔަފާރިވެރިންގެ އަތުން އަދީބު ގެންނަވާ ފައިސާއިން، ހާލުގައިޖެހިފައިވާ މީހުންނާއި ބޭސްފަރުވާއަށްދާން ބޭނުންވާ މީހުންނާއި ސިޔާސީ މީހުންނަށްވެސް އެހީ ދެއްވާފައިވާ ކަމަށް އޭނާ ބުންޏެވެ.

އޮއިއްޓޭއާ ސުވާލުކުރަމުން ރައީސް ޔާމީންގެ ވަކީލުން ވަނީ ވަކި ގޮތަކަށް ހެކިބަސް ދޭން އެއްވެސް އެއްބަސްވުމެއް ހަދާފައިވޭތޯ ސުވާލުކޮށްފައެވެ. ނަމަވެސް އެކަމަށް ދައުލަތުން އިއުތިޔާޒުކުރުމުން އެކަން ގާޒީ ޝަކީލް ވަނީ ބަލައިގެންފައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ތަކުރާރުކޮށް ވަނީ އޮއިއްޓޭއަކީ ހުށަހެޅިފައިވާ މައްސަލައާ ގުޅޭ ހެއްކެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އޮއިއްޓޭގެ ހެކިބަސް ނަގައި ނިމުމުން، އެ މައްސަލަ ބައްދަވާ ގާޒީ ޝަކީލް ވަނީ މިއަދުގެ އަޑުއެހުން ނިންމަވާލައްވައިފައެވެ. ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ.