ޚަބަރު

ވީއައިއޭގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭގެ ޗެކިން ސިސްޓަމެއް މައްސަލައެއް ދިމާވެފައިވަނީ މިދިޔަ ހޯމަ ދުވަހު މެންދުރުފަހުންނެވެ. ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކުން ފުރަންދާ ޕަސިންޖަރުންގެ ޗެކިންގެ ކަންތައް ކުރިއަށް ގެންގޮސްފައިވަނީ މެނުއަލްކޮށެވެ. އެކަމާ ގުޅިގެން އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ފްލައިޓުތައް ވަނީ ޑިލޭވެފައެވެ.

ވީއައިއޭ ބަލަހައްޓާ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު، ކޯޕަރޭޓް އެފެއާޒް، ހަސަން އަރީފް މިއަދު "ވަން" އަށް ވިދާޅުވީ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ.

"މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެކި މަރުހަލާތަކަށް ބަހާލައިގެން. ފުރަތަމަ އިސްކަން ދިނީ އިންޓަނޭޝަނަލް ޓާމިނަލުގެ ސިސްޓަމްތައް ރަނގަޅު ކުރުމަށް، އެއަށްފަހު ޑޮމެސްޓިކް ޓާމިނަލުގެ ސިސްޓަމްތައްވެސް މިހާރު ރަނގަޅު ކޮށްފިން،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މައްސަލަ ހައްލުކުރެވި މިހާރު ދެ ޓާމިނަލުންވެސް ޗެކިން ކުރަމުން ދަނީ ސިސްޓަމް މެދުވެރިކޮށް ކަމަށެވެ.