މަންތާ އެއާލައިނާ ދެކޮޅަށް ދ. ކުޑަހުވަދޫ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 17 މީހަކު ހައްޔަރުކޮށްފިއެވެ.
ކުޑަހުވަދޫ ޒުވާނަކަށް ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި އިތުރު ފަރުވާއަށް މާލެއަށް ނުގެންދެވި، ލަސްވުމުން، މަންތާ އެއާލައިނާ ދެކޮޅަށް ދ. ކުޑަހުވަދޫ އެއާޕޯޓް ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން އެ ރަށުގެ ބައެއް ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާތައް ހުއްޓާލާފައިވަނީ ރޭ މަންތާގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު، ކުޑަހުވަދޫ ރައްޔިތުން އެދުނު ކަންކަން ކޮށްދޭނެކަމުގެ ޔަގީންކަން މަންތާއިން ދިނުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ ކުޑަހުވަދޫގައި ކުރިޔަށް ގެންދިޔަ މުޒާހަރާގައި ހަމަނުޖެހުން ހިންގި މައްސަލައިގައި މިހާތަނަށް 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ 10 މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ކޯޓުން ދޫކޮށްލައިފައެވެ.
މުޒާހަރާގެ ހަމަނުޖެހުންތަކާ ގުޅިގެން ރޭގެ ވަގުތެއްގައިވެސް ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި ރޭ ހައްޔަރު ކުރި ހަ މީހުންގެ ތެރެއިން ފުރަތަމަ ހައްޔަރުކުރީ 32 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުން ރޭ އެ ރަށުގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.
އަދި ހަމަނުޖެހުންތަކާ ގުޅިގެން ރޭގެ ވަގުތެއްގައި 31 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ ދެ މީހެއްގެ އިތުރުން 28 އަހަރުގެ މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ހަތަރު މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ދެން ހުރި މީހާ ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެގެންނެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރި ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި އެ މީހުން ހައްޔަރުކުރީ ކުޑަހުވަދޫގައި ފުލުހުންނާ ދެމެދު ހިންގި ހަމަނުޖެހުމުގެ މައްސަލައި ކަމަށްވެސް އެނގިފައިވެއެވެ. އެ އެންމެންވެސް މި ވަގުތު ތިބީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައެވެ. އެމީހުންގެ ބަންދާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ކުޑަހުވަދޫ ހަމަނުޖެހުމާ ގުޅިގެން މީގެ ކުރިންވެސް މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް އެ މީހާ ވަނީ އިއްޔެގެ ވަގުތެއްގައި ދޫކޮށްލައިފައެވެ.