މަންތާ އެއާލައިނާ ދެކޮޅަށް ދ. ކުޑަހުވަދޫ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ކުޑަހުވަދޫ ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ފޮނުވަން ބޭނުންވެގެން އެކަމަށް ފްލައިޓެއް ހަމަޖައްސައި ދިނުމަށް މަންތާގައި އެދުމުން، އެކަން ހަމަޖައްސައި ނުދިން ކަމަށް ބުނެ ދާލު އެއާޕޯޓު ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން އެ ރަށުގެ ބައެއް ރައްޔިތުން ދަނީ މުޒާހަރާކުރަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، ކުޑަހުވަދޫ ހަމަނުޖެހުންތަކާ ގުޅިގެން ރޭގެ ވަގުތެއްގައި ޖުމުލަ ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުރަތަމަ ހައްޔަރުކުރީ 32 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުން ރޭ އެ ރަށުގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ދެން ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ދެން ހުރި މީހާ ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެގެންނެވެ.

ފުލުހުން ފަހުން ހައްޔަރުކުރީ 31 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ ދެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެކެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރި ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި އެ މީހުން ހައްޔަރުކުރީ ކުޑަހުވަދޫގައި ފުލުހުންނާ ދެމެދު ހިންގި ހަމަނުޖެހުމުގެ މައްސަލައި ކަމަށްވެސް އެނގިފައިވެއެވެ. އެ އެންމެންވެސް މި ވަގުތު ތިބީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައެވެ. އެމީހުންގެ ބަންދާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ކުޑަހުވަދޫ ހަމަނުޖެހުމާ ގުޅިގެން މީގެ ކުރިންވެސް މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް އެ މީހާ ވަނީ އިއްޔެގެ ވަގުތެއްގައި ދޫކޮށްލައިފައެވެ.