ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޯކިޑްހައުސް/ މުހައްމަދު ފައިސަލް، 36އ އެވެ. އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމާއި ހުއްދަނޫން ތަނަކަށް ވަނުމާއި މާރާމާރީ އަދި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން ފައިސަލްއަކީ ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެކެވެ. އެގޮތުން ފުލުހުންގެ ބެރިކޭޑް ފަޅާލައި ދަނޑަށް ވަންކަމާއި ޔޯގާ އިވެންޓުގެ ބައިވެރިންގެ ފަހަތުން ދުވެ އިންޒާރު ދިންކަން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓްތަކުން އެނގޭ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އަދި އޭނާއަކީ ޔޯގާ ހަރަކާތާ ދެކޮޅަށް އެއްވި މީހުން މޯޓިވޭޓްކޮށް ދަނޑަށް ވަދެގަތުމަށް ހިތްވަރުދިން މީހެއް ކަމަށް ފުލުހުންގެ ބަޔާންތަކުން އެނގޭ ކަމަށްވެސް އަމުރުގައިވެއެވެ.

ހައްޔަރުކުރުމުން ފައިސަލް ވަނީ، އޭނާ ދަނޑު ކައިރިއަށް ދިޔައީ ޔޯގާއަކީ ހަރާމް ކަމެއް ކަމުން އެކަމާ ދެކޮޅަށް ޝުއޫރުފާޅު ކުރަން ކަމަށާއި އެއްވެސް ވަރަކަށް ހަމަނުޖެހުމަށް ހިތްވަރުދީ ހަމަނުޖެހުމަށް ތާއީދުކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.