ޚަބަރު

ޕީޕީއެމުން ދާއިރާތަކަށް ރައީސުން ކަނޑައަޅަނީ

މުހައްމަދު އިޝާން

ޕީޕީއެމުން އެޕާޓީގެ ހިންގުމުގެ ބަދަލުތަކެއް ގެނެސް އިދާރީ ދާއިރާތަކަށް ރައީސުން ކަނޑައެޅުމަށް އިންތިހާބެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ޕީޕީއެމްގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ނިންމީ، އެޕާޓީގެ ހުރިހާ ގުނަވަންތަކެއް މިހާރަށްވުރެ ބޮޑަށް ހަރަކާތްތެރިވުން އިތުރުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް 2023 ކާމިޔާބުކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން ގެނައި ބަދަލާއެކު ރާއްޖޭގެ 87 ދާއިރާއަކަށް ރައީސުން ކަނޑައެޅުމަށް އިންތިހާބު ބާއްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެންނެވީ ޔާމީން ކަމަށެވެ. އަދި ޔާމީން އެ ބަދަލު ގެންނެވީ ޕާޓީގެ މެމްބަރުންގެ ހިޔާލާއީ މަޝްވަރާގެ މަތިން ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީން މިއަދު މި ގެންނެވީ ވަރަށް ބޮޑު ބަދަލެއް. މި ބަދަލަކީ ދާއިރާތަކުގެ ރައްޔިތުން ބޭނުންވި ބަދަލު،" ޝުޖާއު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ އިންތިހާބު ކޮމިޓީގެ މުގައްރިރު، ރައްޔިތުން މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ މިރެއިން ފެށިގެން ޕީޕީއެމްގެ މީޑީއާ ޕްލެޓްފޯމުތަކުން މަގާމުތަކަށް ކުރިމަތިލުމުގެ ފޯމު ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މިމަހުގެ 13 ވަނަ ދުވަހުގެ ފެށިގެން ޕީޕީއެމްގެ އޮފީހުން ފޯމު ބަލައިގަންނާނެ ކަމަށެވެ. އަދި މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅޭނެ ކަމަށާއި އިންތިހާބު އޮންނާނީ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގައި ކަމަށެވެ.

އިންތިހާބުގައި ވޯޓުލާން ބޭނުންވާ މީހުން ރީ-ރަޖިސްޓާވުމަށް ސެޕްޓެމްބަރު 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް އަހުމަދު ރަޝީދު ވިދާޅުވިއެވެ.

ޕީޕީއެމުން ދާއިރާތަކަށް ރައީސުން ކަނޑައަޅަން އިންތިހާބެއް ބާއްވަން ތައްޔާރުވަމުންދާ އިރު، ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ދާއިރާތަކުގެ ރައީސުންގެ ދައުރާއި މަސްއޫލިއްޔަތު ބަޔާންކޮށްފައެއް ނުވެއެވެ.

ޝުޖާއު ވިދާޅުވީ، އޮކްޓޫބަރު 25 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ދާއިރާތަކުގެ ރައީސުންގެ އިތުރުން އެހެން ދެ މަގާމެއްގެ އިންތިހާބު ވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެއީ ދާއިރާތަކުގެ ނައިބު ރައީސް އަދި ކޮންމެ ރަށެއްގެ ޒުވާނުންގެ ހަރަކާތުގެ ރައީސްއެވެ.