ޚަބަރު

ރާއްޖޭގެ ހިއްސާ ބާޒާރު ކުރިއަރުވަން ބޮމްބޭ ސްޓޮކް އެކްސްޗޭންޖުން ޝައުގުވެރިކަން ފާޅުކޮށްފި

މުހައްމަދު އިޝާން

އިންޑިއާއިން ރާއްޖޭގެ ހިއްސާ ބާޒާރު ކުރިއެރުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ މުމްބާއީއަށް ވަޑައިގެން ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވައިފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ މަނިކުފާނުގެ އެ ޒިޔާރަތުގައި އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރިވެރިންގެ ވަފުދުން ވަނީ އެކިއެކި އިންވެސްޓްމަންޓް ފުރުސަތުތަކާއި ކެޕިޓަލް މާކެޓް ޑިވެލޮޕްކުރުމާ ގުޅޭގޮތުން ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓާއެކު ހިޔާލު ބަދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ސްޓޮކް މާކެޓު ތަރައްގީކޮށް ކުރިއެރުވުމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން އެބޭފުޅުން ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އަދި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދު ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރެއްވުމުން މަރުހަބާ ދެންނެވީ ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ޗެއާމަން ޝްރީ އެސްއެސް މުންޑްރާއެވެ. އެ ޒިޔާރަތުގައި ރައީސް ވަނީ ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ނެޓްވޯކް އޮޕަރޭޝަން ސެންޓަރާއި ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ އެކިއެކި މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލައްވައި، ސްޓޮކް އެކްސްޗޭންޖުގެ ރަނގަބީލު ރަމްޒީކޮށް ޖެހުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލައްވައި، ރަނގަބީލު ޖައްސަވައިފައެވެ.

ސްޓޮކް އެކްސްޗޭންޖުގެ ރަނގަބީލަކީ ހުރިހާ ގައުމެއްގައިވެސް ސެކިއުރިޓީސްގެ މުއާމަލާތްތަކަށް ދުވަސް ހުޅުވާލުމާއި ދުވަހުގެ މުއާމަލާތްތައް ނިންމުމުގެ ގޮތުން ޖަހާ ރަނގަބީލެކެވެ.

އޭޝިއާ ބައްރުގައި އެންމެ ފުރަތަމަ ހުޅުވުނު ސްޓޮކް އެކްސްޗޭންޖު ކަމަށްވާ، ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގައި މިހާރު ލިސްޓުކުރެވިފައިވާ ކުންފުނިތަކުގެ އަދަދު 5،000 އަށް އަރައެވެ.

ރައީސްގެ އިންޑިއާ ދަތުރުފުޅަކީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވައެވެ.