ޚަބަރު

ކުޑަހުވަދޫ މުޒާހަރާ: އެކަކު ހައްޔަރުކޮށްފި

މުހައްމަދު އިޝާން

ފަރުވާއަށް ބަލި މީހަކު މާލެއަށް ނުގެންދެވި، ލަސްވަމުންދާތީ މަންތާ އެއާލައިނާ ދެކޮޅަށް ދ. ކުޑަހުވަދޫ އެއާޕޯޓް ކައިރީގައި މިރޭ ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މިރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ އަހުމަދު ޝާއިން ނަމަކަށް ކިޔާ މީހެކެވެ. މުޒާހަރާކުރާ ސަރަހައްދުން އޭނާގެ ހައްޔަރުކޮށްގެން ފުލުސް އޮފީހަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ފުލުހުން މީޑިއާގެ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ، ކުޑަހުވަދޫގައި ކުރަމުންދާ އިހުތިޖާޖުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކުޑަހުވަދޫ ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ފޮނުވަން ޖެހިގެން އެކަމަށް ފްލައިޓެއް ހަމަޖައްސައިދިނުމަށް މަންތާގައި އެދުމުން، އެކަން ހަމަޖައްސައި ނުދިން ކަމަށް ބުނެ ދާލު އެއާޕޯޓު ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން އެ ރަށު ރައްޔިތުން ދިޔައީ މުޒާހަރާކުރަމުންނެވެ.

އެ މުޒާހަރާގައި ބައިވެރިވި މީހަކު އިއްޔެ ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާ މިއަދުގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފައެވެ.