މިމަހު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އެމްޑީޕީގެ ކޮންގްރެސްގައި ރިޔާސީ ޕްރައިމަރީއާ ގުޅޭ އެއްވެސް ކަމެއް މިހާތަނަށް އެޖެންޑާކޮށްފައި ނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި 2018ގައި ބޭއްވި އެމްޑީޕީ ކޮންގްރެސްގެ އެންމެ ބޮޑު ނިންމުމަކަށްވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމެވެ. އެހެންވެ، ބެލެވިފައި އޮތީ މިއަހަރުގެ ކޮންގްރެސްގައިވެސް އެފަދަ ނިންމުމެއް ނިންމާނެ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އަހުމަދު އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވީ، ރިޔާސީ ޕްރައިމަރީއާ ގުޅޭ އެއްވެސް ކަމެއް މިހާތަނަށް ކޮންގްރެސްއަށް އެޖެންޑާ ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ކޮންގްރެސްގެ ތެރެއިން އެނގިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އަސާސީ ގަވާއިދު އިސްލާހުކުރެވުމުން އެހެން ކަންކަން ހަމަޖެހިގެންދާނެ،" އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
އަހުމަދު އަބްދުﷲ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިފަހަރުގެ ކޮންގްރެސްގައި 1،200 ވުރެ ގިނަ މެންބަރުން ބަައިވެރިވާނެއެވެ. އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ ސޯޝަލް ސެންޓަރުގައެވެ.
- ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން
- ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުން
- ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އެއްބަސްވުން
- ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުން
- މިނިވަން މުއައްސަސާތަކުގެ އަދަދާއި އެ މުއައްސަސާތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޯލިޝަނަކާއެކު އެމަނިކުފާނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށާއި އެމްޑީޕީން ވެރިކަމަށް އަންނަން ބޭނުން ނަމަ އެކަނިކުފާނަކީ "ޗޮއިސް" އެއް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެކަމާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން، ދެވަނަ ދައުރެއް ރައީސް ސޯލިހަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ވެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ "ޝަރުތު" ހަމަވާ ބޭފުޅެއް ކަމަށާއި ވެރިކަމަށް އައުމަށް އެމްޑީޕީން ތިންވަނަ ވިސްނުމެއް ގެންގުޅުން މުހިންމު ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ވަނީ، ރައީސް ސޯލިހަށް މިފަހުން ބޮޑެތި ތުހުމަތުތައް ކުރައްވައިފައެވެ. އެގޮތުން ނުފޫޒު ފޯރުވިކަމުގެ ތުހުމަތާއި އަންހެން ކުއްޖަކާއެކުގައި ޒިނޭކުރި ކަމުގެ ތުހުމަތުތައް ވަނީ ކުރައްވައިފައެވެ. ރައީސް ނަޝީދުގެ އެ ތުހުމަތުތައް ރައީސް ސޯލިހު ވަނީ ދޮގުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު