މިއަހަރު ރާއްޖެއަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިއަހަރު އަމާޒު ހިފީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
މިނިސްޓަރު މައުސޫމް "ވަން" އަށް މިއަދު ވިދާޅުވީ، ރަޝިޔާ-ޔޫކްރޭން، ހަނގުރާމައިގެ ސަބަބުން އެ ދެގައުމުގެ މާކެޓު ދަށްވި ނަމަވެސް މިއަހަރުގެ ޓާގެޓުކަމަށްވާ، 1.6 ފަތުރުވެރިން ގެނެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި އުންމީދަކީ އެއަށްވުރެ ގިނަ ފަތުރުވެރިން ގެނައުން ކަމަށް ވިދާޅުވިއެވެ.
"ތިން ސިނާރިއޯއަކަށް މިހާރު އަޅުގަނޑުމެން ބަހާލައިފައި މިވަނީ. އެއީ އެންމެ ލޮވެސްޓް ސިނާރިއޯގައި 1.6 މިލިއަން ފަތުރުވެރިން ދެން 1.7 އަދި 1.8 މިލިއަން ފަތުރުވެރިން. 1.6 އަށް ރީޗްވާނެ ކަމުގެ ޔަގީންކަން އެބައޮތް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖެއަށް މިހާރު އަންނަ ފަތުރުވެރިންގެ އަދަދު ކޮވިޑުގެ ކުރީގެ ހާލަތަށް ވުރެ ރަނގަޅު ކަމަށެވެ. އެގޮތުން ކޮވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންނަށް ވުރެ 2.2 ޕަސަންޓް އިތުރަށް މިދިޔަ މަހު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ ކަމަށެވެ.
"އެއީ އަދި ބޮޑެތި މާކެޓްތައް، ޗައިނާ، ޖަޕާނު ފަދަ ގައުމުތައް ނުލައި. އެގައުމުތަކުން އަދިވެސް ވަރަށް މަދުން މި އަންނަނީ. ދެން އެ ގައުމުތަކުން ރާއްޖެއަށް ކުރިން އަންނަ ވަރަށް އަންނަނަމަ މި އަދަދު (ފަތުރުވެރިން އިތުރުވި ނިސްބަތް) 25 ޕަސަންޓަށްވެސް އަރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުދި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށް ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކުގެ އަގުތައް މިހާރު ބޮޑުވުމުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ މެހެމާންދާރީއަކީ ގިނަ ފަތުރުވެރިން ބަލައިގަންނަ ކަމެއް ކަމަށާއި ފުރިހަމަ މެހެމާންދާރީއެއް ދެވޭ ނަމަ ރާއްޖޭގެ މަގުބޫލުކަން އިތުރުވާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 942،444 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު