ހިލްޓަން އިންޓަނޭޝަނަލަށް ދައްކަންޖެހޭ 24 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުދީ އޮތް މައްސަލައިގައި ސަން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމު)ގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ހައިކޯޓުން ބާތިލެއް ނުކޮށްދިނެވެ.
މި މައްސަލައަކީ ސިޔާމުގެ އިރުފުށި ރިސޯޓު ހިންގުމަށް ހިލްޓަންއާއެކު 27 ފެބްރުއަރީ 2009ގައި އެއްބަސްވުމުގައި ސޮއިކޮށް އެ ފަރާތާ ރިސޯޓު ހަވާލުކުރުމަށްފަހު ރިސޯޓު ހިންގުމުގައި ހިލްޓަނުން އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވަމުންދާ ކަމަށް ބުނެ އޭޕްރީލް 2013ގައި ސަން ޓްރެވަލްސް އިން އެ އެއްބަސްވުން ބާތިލުކުރުމުން އުފެދުނު މައްސަލައެކެވެ.
މި މައްސަލަ 2013 ވަނަ އަހަރު ހިލްޓަންގެ ފަރާތުން އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސްގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅުމުން މައްސަލަ ބެލުމަށްފަހު އާބިޓްރޭޝަނުން ނިންމީ ސަން ޓްރެވަލްސްއާ ދެކޮޅަށެވެ. އެއީ 24 މިލިއަނަށްވުރެ ގިނަ ޑޮލަރު ހިލްޓަންއަށް ދެއްކުމަށެވެ.
އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ހިލްޓަންގެ ފަރާތުން 2020 ވަނަ އަހަރު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އަދި އެ ހުކުމްގެ ތަންފީޒީ ފިޔަވަޅެއްގެ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ސިޔާމުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރުކުރިއެވެ.
މިއަދު ހައިކޯޓުގައި ކުރިއަށް ދިޔައީ ސިވިލް ކޯޓުގެ އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު އަމުރެއްކަމުގައި ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅު މައްސަަލައެވެ.
ހައިކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މި މައްސަލައިގައި މިއަދު ހުކުމްކޮށްފައި ވަނީ ސިޔާމުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރަށް ބަދަލުގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
މިގޮތަށް ހުކުމް ކޮށްފައި ވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔަށް ފަނޑިޔާރު ފާތިމަތު ފަރުހީޒާ ތާއީދުކުރައްވައިގެންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން ޝަހީރުގެ ރައުޔު އެ ދެ ފަނޑީޔާރުންނާ ތަފާތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު