ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށްކުރާ، މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާގައި މިއަދު ބާއްވަން ހަމަޖެހިފައި އޮތް އަޑުއެހުން ކެންސަލްކޮށްފިއެވެ.
އާޒިމާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރީ މިއަދު ހެނދުނު 9:00 ޖަހާއިރަށެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އާޒިމާގެ އަޑުއެހުން ކެންސަލްކުރީ، ބަލިހާލަތު ހުރި ގޮތުން މިއަދުގެ އަޑުއެހުމަށް ހާޒިރުނުވެވޭނެ ކަމަށް އަންގައި އާޒިމާ ސިޓީއެއް ފޮނުއްވައިފައިވާތީ ކަމަށެވެ.
އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުންތައް ނިންމައި އެ ދެ ދައުވާ އާޒިމާގެ މައްޗަށް ކުރެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނަމަވެސް، އެ ނިންމުން އާޒިމާގެ ފަރާތުން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިހާތަނަށް އޮތީ އެ މައްސަލަ ކުރިއަށް ނުގެންދެވިފައެވެ.
ކުރިމިނަލް ކޯޓުގެ އެ ނިންމުން އާޒިމާގެ ފަރާތުން ހައިކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދެ ކޯޓުންވެސް ހުކުމްކުރީ އެ ދެ މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ނަމަވެސް އާޒިމާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތަށް އާޒިމާގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.
މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާ ނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކުރައްވައި، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށް ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު