ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ފަހި މާހައުލެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖެއިން މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އަމާޒަކީ ވިލުންތެރި، ތިމާވެށްޓާ ރަހުމަތްތެރި އަދި ޑައިވާސިފައި އިގުތިސޯދެއް ބިނާކުރުން ކަމަށާއި އެހެންކަމުން އިގުތިސޯދުގެ ތެރެއިން ތަފާތު އިންވެސްޓްމަންޓްތަކަށް ގިނަ ފުރުސަތުތަކެއް ރާއްޖޭގައި ހުޅުވިފައި އޮންނާނެ ކަމަށެވެ.
އެމަނިކުފާނު ވަނީ ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ކުރިމަތިވި ދަތިކަމުން އަރައިގަނެ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތްވެސް ކޮވިޑް ބަލިމަޑުކަމުގެ ކުރީގައި އޮތް މިންވަރަށް ރުޖޫއު ކުރެވިފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މަންޒިލަކީ އިންޑިއާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުންގެންދާ މަސައްކަތްތައްވެސް ފާހަގަކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ތިމާވެށި ހިމާޔަތްކޮށް ގުދުރަތީ މާހައުލުގެ މުއްސަނދިކަން ދެމެހެއްޓުމަކީ ޒަމާނުއްސުރެ ރާއްޖޭގެ މީހުން ދިރިއުޅެމުން ދިޔަ ގުދުރަތީ މާހައުލާ ގުޅިފައިވާ ޖަޒީރާވަންތަ ދިރިއުޅުން އެގޮތުގައި ކުރިޔަށްގެންދިއުމަށްވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭ، ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަށެވެ.
އެގޮތުން މޯލްޑިވްސް-އިންޑިއާ ޕާޓްނާޝިޕަކީ ދެ ގައުމުގައި ހުރި ތަފާތު ވަސީލަތްތަކާއި ދެ ގައުމުގެ ސައިޒުގެ ގޮތުން ކުރިއެރުމަށްވެސް ފައިދާކުރަނިވި ނަމޫނާ ޕާޓްނާޝިޕެއް ކަމަށެވެ. އަދި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނީ އިންޑިއާއާއެކު ގާތް ރަހުމަތްތެރި ގުޅުމެއް ބޭއްވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.