ޚަބަރު

އިންޑިއާގެ ރައީސް ފުރަތަމަ ބައްދަލުކުރެއްވި ވެރިއަކަށް ރައީސް ސޯލިހު

މުހައްމަދު އިޝާން

އިންޑިއާގެ ރައީސްގެ މަގާމާ މިދިޔަ މަހު ހަވާލުވެޑައިގެންނެވި ދްރައުޕަތީ މުރްމު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހާ އެކު އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމު ބޭއްވި އެބައްދަލުކުރެއްވުމަކީ އެކަމަނާ އިންޑިއާގެ ރައީސްގެ މަގާމުގެ ހުވާކުރެއްވުމަށްފަހުގައި، ބޭރު ގައުމެއްގެ އިސްވެރިއަކާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ. ރައީސް ސޯލިހާއި ދްރައުޕަތީ މުރްމުގެ އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، އިންޑިއާގެ ރައީސްގެ މަގާމަށް އެކަމަނާ ވަޑައިގެންނެވުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ރިޔާސީ ދައުރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެގައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވަނީ އިންޑިއާއިން ގެންގުޅޭ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން އަންނަ އިޖުތިމާއީ އަދި އުމުރާނީ ތަރައްގީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވައިފައެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ ދިވެހި ރައްޔިތުންނަށް ފައިދާހުރި މުހިއްމު މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ވެސް ފާހަގަކުރައްވައި ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ވެވުނު ހަ އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރަށްވުރެވެސް ބޮޑަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވަމުންދާނެ ކަމަށެވެ.

އިންޑިއާގެ ރައީސް ވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި ގެންގުޅުއްވާ ސަރުކާރުގެ ސިޔާސަތުތަކަށާއި ރައްޔިތުންގެ ތަރައްގީ އާއި ކުރިއެރުމަށް ކުރައްވަމުން ގެންދަވާ ނަމޫނާ މަސައްކަތްތަކަށް ތައުރީފް ކުރައްވައިފައެވެ.

އިންޑިއާގެ ރައީސް ވިދާޅުވީ، ރާއްޖެއަކީ އިންޑިއާއަށް މުހިއްމު ބައިވެރިއެއް ކަމަށެވެ. އެގޮތުން އިގުތިސޯދީ ރޮނގުންނާއި ވިޔަފާރީގެ ރޮގުން އަދި ސަގާފީ ރޮނގުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށާއި މޯލްޑިވުސް-އިންޑިއާ ޕާޓްނާޝިޕަކީ ސަރަހައްދަށް ނަމޫނާއެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސް ސޯލިހު އިންޑިއާއަށް ކުރައްވާ ހަތް ދުވަހުގެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ދިވެހި ވިޔަފާރިވެރިންގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.