ޚަބަރު

އިންޑިއާއިން "ހުރަވީ" ގެ ބަދަލުގައި އެހެން އުޅަނދެއް ރާއްޖެއަށް ހަދިޔާކުރަނީ

އަލީ ޔާމިން

1

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓުގާޑުގެ އުޅަނދު "ހުރަވީ" ގެ ބަދަލުގައި އިންޑިއާއިން އިތުރު އުޅަނދެއް ރާއްޖެއަށް ހަދިޔާކުރަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން މިއަދު ދެއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި މޯދީ ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ދެމެދު ޑިފެންސް އާއި ސެކިއުރިޓީގެ ދާއިރާއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ޓެރަރިޒަމް ހުއްޓުވަން ދެގައުމުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެގައުމުން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ޕްރެސް ކޮންފަރެންސްގައި މޯދީ ވަނީ، ރާއްޖެއަށް ދެވަނަ ލޭންޑިން އަސައުޓް ކްރާފްޓް (އެލްސީއޭ) އަކާއި އިންޑިއާއިން ހަދިޔާކޮށްފައިވާ ބޯޓު، "ހުރަވީ"ގެ ބަދަލުގައި އެހެން ބޯޓެއް ހަދިޔާކުރަން ނިންމައިފައެވެ.

މީގެ އިތުރުން މޯދީ ވަނީ 24 ވެހިކަލް އެމްއެންޑީއެފަށް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ޑިފެންސްގެ ދާއިރާއިން ރާއްޖެއަށް ފޯރުކޮށްދޭން ނިންމާފައިވާ އެހީތެރިކަމަށްޓަކައި ރައީސް ސޯލިހު ވަނީ އެގައުމުގެ ސަރުކާރާއި ބޮޑުވަޒީރު މޯދީއަށް ޝުކުރު ދަންނަވައިފައެވެ.

ކޯސްޓްގާޑުގެ އުޅަނދު ހުރަވީއަކީ އިންޑިއާ އިން ރާއްޖެއަށް 2006 ވަނަ އަހަރު ހަދިޔާކޮށްފައިވާ އުޅަނދެކެވެ.