ދ. ކުޑަހުވަދޫގައި ކުރަމުންދާ މުޒާހަރާ ހޫނުވެ، ފުލުހުންނާ ކުރިމަތިލައިފިއެވެ.
ކުޑަހުވަދޫ ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން އެމަޖެންސީގައި މާލެ ފޮނުވާލަން ވެގެން އެކަމަށް ފްލައިޓެއް ހަމަޖައްސައި ދިނުމަށް މަންޓާގައި އެދުމުން، އެކަން ހަމަޖައްސައި ނުދިން ކަމަށް ބުނެ ދާލު އެއާޕޯޓް އިއްޔެ ހަވީރުއްސުރެ ބަންދުކޮށް ރައްޔިތުން އަދިވެސް ދަނީ މުޒާހަރާކުރަމުންނެވެ. ނަމަވެސް މިއަދު ހެނދުނު 6:00 ގައި މޯލްޑިވިއަންގެ ފްލައިޓެއްގައި އެ ޒުވާނާ ވަނީ މާލެ ގެނެސްފައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ދާލު އެއާޕޯޓަށް ނުވަދެވޭ ގޮތަށް ބަންދުކޮށް ބަޔަކު އެ ސަރަހައްދުގައި ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ވަނުމަށް ހުރަސްއަޅަން މަސައްކަތް ކުރުމުން، ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށެވެ.
އަދި އެ އިހުތިޖާޖާ ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދިވެސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ކުޑަހުވަދޫ ކައުންސިލް މެމްބަރު އިސްމާއިލް ފާރިޝް "ވަން" އަށް މިއަދު ވިދާޅުވީ ރައްޔިތުން އިހުތިޖާޖު ކުރަމުންދަނީ ފުލުހުން ބުނި ހިސާބުގައި ތިބެގެން ކަމަށެވެ. ނަމަވެސް އެއްވެސް އިންޒާރެއް ނެތި ފުލުހުން ޕެޕާ ސްޕްރޭ ޖަހައި މުގުރި ބުރިން ހަމަލާ ދޭން ފެށި ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން ރުޅިގަދަވެ ފުލުހުންނާއި ކުރިމަތިލި ކަމަށް ވިދާޅުވިއެވެ.
އިއްޔެ ހަވީރުން ފެށިގެން ކުޑަހުވަދޫ އެއާޕޯޓު ކައިރީގައި އާންމުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި އެއާޕޯޓަށް ވަދެވެން ހުރި ހުރިހާ ދޮރެއް ޓިނު ޖަހައި ބަންދުކޮށް ދިވެހިން ނޫން އެހެން ބަޔަކު އެއާޕޯޓުން ބޭރަށް ނުނިކުމެވޭ ގޮތް ވަނީ ހަދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު