ޑްރަގް ޓްރެފިކިންގެ ކުށުގެ ދައުވާ ކޮށްފައިވަނިކޮށް ފިލްމީ ތަރި ހުނައިޝާ އާދަމް (ހުނޫ) ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ހުނޫ ދޫކޮށްލަން މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އަމުރުކުރީ، އޭނާ ދިރިއުޅެމުންދިޔަ ގެއިން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުވޭނެ ހެއްކެއް ނެތުމުންނާއި އެ ގެއިން ފެނުނު މަސްތުވާތަކެތީގެ ޒިންމާ އެހެން ފަރާތަކުން ނެގުމުންނެވެ.

އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން އެ ކޯޓުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ހުނޫގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ ހުނޫއަށް 75 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ މައްސަލާގައި އޭނާގެ ލޯބިވެރިޔާގެ މައްޗަށްވެސް ވަނީ ދައުވާ އުފުލައިފައެވެ.